ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު ދައުލަތުގެ ބަޖެޓުން ބޮޑެތި ހޭދަތައް ކުރަމުންދާތީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވުމުން ނަޝީދުގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ނިކުންނަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނު ރާއްޖޭން ބޭރުގައި ބޭސް ފަރުވާ ކުރެއްވުމަށް ހުންނެވުމަށާއި އޭގެ ފަހުން ރާއްޖެ ވަޑައިގެން ހޮޓަލުގައި ހުންނެވުމަށް މިހާތަނަށް ހަރަދުވެފައި ވަނީ 2.3 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ. ނަޝީދަށް މިހާބޮޑު ޚަރަދެއް ކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ބޮންޑޭ ވިދާޅުވީ ރައްޔިތުންނަށް ބޮޑެތި ލުއި ގޮތްތަކެއް ފަހިކޮށްދީ ދައުލަތުގެ މާލިއްޔާއަށް ބޮޑެތި އަދަދުތަކުން ފައިސާ ވަންނަ ގޮތް ތަނަވަސް ކޮށްދެއްވީ ރައީސް ނަޝީދުކަމަށެވެ. އަދި ނަޝީދަށް ދޭން ރަނގަޅު އަދަދަކީ ކޮބައިތޯ ބޮންޑޭ ވަނީ ސުވާލު ކުރައްވާފައެވެ.
133 ރަށެއްގައި 586 ގެސްޓުހައުސް މިވަގުތު ވެސް ދަނީ އޮޕަރޭޓުކުރަމުން. ރަށު ޑައިވިން ސެންޓަރުތަކާ އެތަކެއް ވަޒީފާތަކެއް ގައުމުގައި އުފައްދާ ޓެކްސްގެ ނިޒާމުން 100 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ހޯދާދެއްވި ރައީސް ނަޝީދަށް ހައްގުވާ މިންވަރަކީ ކޮބާތޯ؟
– ބޮންޑޭ ވިދާޅުވިއެވެ.
ރައީސް ނަޝީދު އިނގިރޭސި ވިލާތުގައި ހުންނަވައި ބޭސްފަރުވާ ކުރެއްވުމަށް ތިން ފަހަރެއްގެ މަތިން ސަރުކާރުން ވަނީ 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެއީ ޖޫން މަހު ހަރަދު ކުރި 610،601ރ. އާއި އޯގަސްޓު މަހު ހަރަދު ކުރެއްވި 319،767ރ. އާއި ސެޕްޓެމްބަރު މަހު ހަރަދު ކުރެއްވި 570،172ރ. އެވެ. ބޭސްފަރުވާ ކުރެއްވުމަށްފަހު އޮކްޓޯބަރު މާލެ ވަޑައިގެން ކޮޕް-26 އަށް ފުރާވަޑައިގަތުމާ ހަމަޔަށް ހޮޓެލް ޖެންގައި ނަޝީދު ހުންނެވުމަށް ހަރަދުވެފައި ވަނީ 698،168ރ. އެވެ. އޭގެ އިތުރުން ޖަރުމަން ވިލާތުގައި ބޭސްފަރުވާ ކުރެއްވުމަށް 164،601ރ. ވަނީ ހަރަދުވެފައެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅު ހަރަދުގެ ގޮތުގައި 12 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އޭގެ ތެރެއިން މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ހަރަދަށް ހިމަނާފައިވަނީ 6.8 މިލިއަން ރުފިޔާއެވެ.
ކޮމެންޓު ފޮނުވާ