ކުޑަކުއްޖަކު ބަރަހަނާކޮށް ބްލެކްމެއިލްކުރި މައްސަލާގައި ފުލުހެއްގެ މައްޗަށް ދައުވާކުރަށް ކޯޓަށް ފޮނުވައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، 2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އެކިދުވަސްމަތިން އިތުރުބާރުކުރެވޭ މަޤާމެއްގައި ހުރެ ޢުމުރުން 18 އަހަރު ނުފުރޭ ކުއްޖަކަށް ބިރުދައްކައިގެން އެކުއްޖާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ނެގުމަށްފަހު އެފޮޓޯ ބޭނުންކޮށްގެން ބްލެކްމެއިލްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައިގައި ދައުވާކޮށްފައިވަނީ ޏ.ފުވައްމުލައް، މާދަޑު، އޮމާން، އަޙްމަދު ނަޒުމީނުގެ މައްޗަށްކަމަށެވެ.
އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުންކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ކުރުމަށް 08 ނޮވެންބަރު 2021 ދުވަހު ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ކަމަށެވެ.
މި މައްސަލާގައި ތުހުމަތުކުރެވޭ މީހާއަކީ ކުށުގެ ޢަމަލު ހިންގިއިރު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާގައި ހުރި މީހެއްކަމަށްވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ