މިއަހަރަށް ކަނޑައެޅި ބަޖެޓަށްވުރެ ދައުލަތުގެ ޚަރަދުތައް އިތުވާތީ ރައްޔިތުންގެ މަޖިލީހަށް2.24 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅާފައިވަނީ މާލިއްޔަތު ގަވާއިދާއި ޚިލާފަށް ކަމުގައި ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓަކީ 34.9 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ހިމެނެނީ ރިކަރެންޓް ޚަރަދުގެ ގޮތުގައި 21.6 ބިލިއަން ރުފިޔާއާއި،ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ. ކެޕިޓަލް ހަރަދުގެ 8.4 ބިލިއަން ރުފިޔާ އަކީ ޕީއެސްޕީއަށް ކަނޑައަޅަފައިވާ ޢަދަދެވެ. ނަމަވެސް މިއަހަރުގެ ބަޖެޓުން ނުވެގެން ސަޕްލިމަންޓްރީ ބަޖެޓުގެ ގޮތުގައި 2.24 ބިލިއަން ރުފިޔާ ހުށައެޅީއެވެ.
ޒަރިޔަންދު ވިދާޅުވީ ސަޕްލިމަންޓްރީ ބަޖެޓަކީ އެކަމަށް ހިނގާނެ ޚަރަދާއިއެކު މަޖިލީހުގެ ރުހުން ހޯދަންޖެހޭ ފައިސާތަކެއްކަމަށެވެ. އަދި އެފައިސާއެއް ބޭނުންވާ ވަގުތުގެ އެއްމަސް ދުވަހުގެ ކުރިން މަޖިލީހަށް ހުށަޅައި މަޖިލީހުގެ ރުހުން ހޯދަން ޖެހޭކަމަށެވެ.
ބަޕްލިކް ފައިނޭންސް ޤާނޫނު ބުނާގޮތުން ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެދި ހުށަހަޅާނަމަ، އެފައިސާއެއް ނުވަތަ ބަޖެޓެއް ބޭނުންވާ ދުވަހެއްގެ 1 މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ސަޕްލިމަންޓްރީ ބަޖެޓް މަޖިލީހަށް ފޮނުވާފައި ވަނީ މިއަހަރުގެ ދައުލަތުގެ ބަޖެޓާއި އެކުގައެވެ.
މިއަހަރުގެ ބަޖެޓުގެ ބޮޑު ބައެއް ޚަރަދުވާނީ ލޯނުތައް އަނބުރާ ދެއްކުމަށެވެ. މިއަހަރަށް ފާސްކުރި ވަރަށް ވުރެ ބަޖެޓު އިތުރުވެފައިވަނީ ބަޖެޓުގައި ހިމެނިފައި ނެތް 2017 ވަނަ އަހަރު ދައުލަތުން ވިއްކާފައިވާ އަދި 2022 ވަނަ އަހަރު އަނބުރާ ދައްކަންޖެހޭ 250 މިލިއަން އެމެރިކާ ޑޮލަރުގެ "ސަނީސައިޑް" ބޮންޑުގެ ބޮޑު ބައެއް މިއަހަރު ދައްކާ ގޮތަށް ބަޖެޓް މުރާޖައާކުރުމުންނެވެ.
މިއަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވީނަމަވެސް އެ ޢަދަދާއި ގާތަށްވެސް އާމްދަނީ ލިބިފައިނުވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން އާދީއްތަ ދުވަހު ހުށައަޅަފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ބަޖެޓު ބަހުސް މިހާރު ފަށައިގެ ކުރިއަށްދާއިރު، މާދަމާރޭގެ ނިޔަލަށް ބަހުސް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.