އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގެ ބަހުސް މަރުހަލަ މަޖިލީހުގައި ފަށާފައިވާއިރު، ބުސްގައި ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވާހަކަ ދައްކަވާފައިވަނީ އިނގިރޭސި ބަހުންނެވެ.
ޖާބިރު ވަނީ ބަޖެޓް ބަހުސްގައި، ބަޖެޓަށް ތާއީދު ނުކުރާކަމަށް ވިދާޅުވެފައެވެ. އަދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ރައީސް ޞާލިހުގެ އިސްތިއުފާއަށް ގޮވާލާފައެވެ. އަދި ރާއްޖޭގައި އޮންނަން ޖެހެނީ ބަރުލަމާނީ ނިޒާމެއްކަމަށާއި، އެނިޒާމު ގެނައުމަށް މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެން މަސައްކަތް ކުރުމަށް ވަނީ ގޮވާލާފައެވެ.
އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށްވެސް ޖާބިރުވަނީ ގޮވާލާފައެވެ. ޖާބިރު އިނގިރޭސި ބަހުން ވާހަކަ ދައްކަވާތީ އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު ވިދާޅުވީ މަޖިލީހުގައި ކުރިއަށްދަނީ އދ.އާންމު މަޖިލީހުގެ ޖަލްސާއެއްތޯ ނުވަތަ ދިވެހި ރާއްޖޭގެ މަޖިލީހުގެ ޖަލްސާއެއްތޯ ސުވާލު އުފައްދަވާފައެވެ.
ނިޒާމީ ނިކުތާއަށް ޖަވާބު ދެއްވަމުން މަޖިލިސްގެ ރިޔާސަތުންވަނީ، މަޖިލީހުގައި މެމްބަރަކު ވާހަކަ ދައްކަން ވަކި ބަހެއް ކަނޑައަޅާފައި ނުވާކަމަށެވެ. އެއާއިއެކު ޖާބިރަށް ފުރުސަތު ދިނުމުން އޭނާ އަނެއްކާވެސް ވާހަކަ ދައްކަވަން ފައްޓަވާފައިވަނީ އިނގިރޭސި ބަހުންނެވެ.
މަޖިލީހުން އަމާޒު ހިފާފައިވަނީ ބަޖެޓަށް ތަޅުމުގައި ކުރެވޭ ބަހުސް މަރުހަލާ މިހަފްތާގެ ބުދަ ދުވަހުގެރެއަށް ނިންމާލުމަށެވެ. ބަޖެޓް ބަހުސްގައި ކޮންމެ މެމްބަރަކަށް 15 މިނިޓްގެ ވަގުތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮމެޓީން ބަޖެޓް ފާސް ކުރުމަށްފަހު ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމަށް 7 މިނިޓްގެ ފުރުސަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބަޖެޓްގެ ބަހުސްއަށްފަހު މެމްބަރުންގެ ވާހަކަފުޅުތަކަށް ޖަވާބު ދެއްވުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް 45 މިނިޓްގެ ވަގުތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު ކަނޑައެޅުމަށް ފާސްކޮށްފައިވާއިރު، ކޮމިޓީގެ ނައިބް މުޤައްރިރަކަށް ކަނޑައަޅާފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސެއިނެވެ. ބަޖެޓްގެ ކޮމެޓީ މަސައްކަތްވެސް މިއަދު ފެށިގެންދާނެއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 37 ބިލިޔަން ރުފިޔާގެ ޕްރޮގްރާމް ބަޖެޓެކެވެ. އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ ސަރުކާރުގެ ވައުދުތައް ފުއްދުމަށާއި، ތަރައްޤީގެ ގިނަ ކަންތައްތަކެއް އެކުލެވޭގޮތަށް ހުށަހަޅުއްވާފައިވާ ބަޖެޓެކެވެ.
ކޮމެންޓު ފޮނުވާ