މާދަމާ ފަށާ މަހިންދަރަ ރާޖަޕަކްސަ (ފޯ ނޭޝަންސް ކަޕް)ގައި ސްރީލަންކާގައި ތިބި ދިވެހި ސަޕޯޓަރުންނަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 5،000 ރުޕީސްއަށް ކަމުގައި ސްރީލަންކާގެ ފުޓްބޯލް ފެޑެރޭޝަނުން އިއުލާނު ކޮށްފިއެވެ.
މާދަމާ ހަވީރު ފަށާ މިމުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ މާދަމާރޭ ލަންކާ ގަޑިން 20:00 ގަައެވެ އެއީ ރާއްޖެ ގަޑިން 19:30 ގައެވެ. ލަންކާ ފުޓްބޯލް ފެޑެރޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރާއްޖެ- ލަންކާ މާދަމާ ރޭ ކުޅޭއިރު، ދިވެހިންނަށް ޓިކެޓު ވިއްކާނީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުން ކަމަށް ލަންކާގެ ފުޓްބޯލް ފެޑެރޭޝަނުން ކަމަށެވެ. އެ އިދާރާ އިން ހަމައެކަނި ބުނީ ހުރީ ލިމިޓެޑް އަދަދެއްގެ ޓިކެޓް ކަމަށެވެ.
ޓިކެޓް ވިއްކަން ފަށާނީ ލަންކާގެ ގަޑިން މިއަދުގެ މެންދުރު ފަހު ތިނަކުން ހަވީރު ހައެއް ޖަހަންދެނެވެ. މާދަމާ ޓިކެޓް ވިއްކާނީ ހެނދުނު 11 އިން މެންދުރު ފަހު ދޭއް ޖަހަންދެންނެވެ.
ރާއްޖޭގެ ސަޕޯޓަރުންނަށް 5،000 ރުޕީސްއަށް ޓިކެޓް ވިއްކާއިރު، ލަންކާގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 200 ރުޕީސް އަށެވެ. ލަންކާގެ ފުޓްބޯޅަ ފެޑްރޭޝަނުން ބުނިގޮތުގައި، މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ކޮލަމްބޯގެ ރޭސް ކޯޒް ސްޓޭޑިއަމްގެ މަތީބުރީގައިވާ ގޮނޑިބަރި ހާއްސަ ކޮށްފައި ވާނީ ދިވެހިންނަށެވެ. ދަނޑަށް ވަދެވޭނީ ކޯވިޑް-19 ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަމަށް ވެސް އެ އިދާރާ އިން ބުނެއެވެ.
ލަންކާގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕަށް ކުރިއަށްދާނީ މިމަހުގެ 8ކުން 17އަށެވެ. މިމުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ބަންގްލަދޭޝް، ސްރީލަންކާ އަދި ސީޝެލްސްއެވެ.