އދ. ގައި ހަމަހަމަ ތަމްސީލުވުމަށް ރާއްޖެއިން ވަކާލާތުކުރާނެ: ރައީސް

އދ. ގައި ހަމަހަމަ ތަމްސީލުވުމަށް ރާއްޖެއިން ވަކާލާތުކުރާނެ: ރައީސް

Author
އަހުމަދު
22 ސެޕްޓެމްބަރ 2026 09:11
0

އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ.) އަށް މާނަހުރި އިސްލާހުތައް ގެނައުމަށާއި، އެ ޖަމިއްޔާގެ ތެރޭގައި ހުރިހާ ގައުމުތަކަކަށް ހަމަހަމަ ތަމްސީލުވުން ކަށަވަރުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރާއްޖެ އދ. ގެ މެންބަރަކަށްވިތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖެއްގައި ރައީސް ވިދާޅުވީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) އަޑު ބައިނަލްއަގުވާމީ މައިދާނުގައި މާނަހުރި ގޮތެއްގައި އިއްވުމަށާއި، މޫސުމީ ވިލުންތެރިކަން ލިބިފައިވާ އިގުތިސޯދެއް ބިނާކުރުމަށް އެ ޖަމިއްޔާއާއެކު ބަދަހިކޮށްފައިވާ ގުޅުން ރާއްޖެއިން ދަމަހައްޓާނެ ކަމަށެވެ.

ފާއިތުވެދިޔަ 60 އަހަރަށްވުރެ ދިގު ތާރީހަށް ބައްލަވާލައްވާ ރައީސް ވިދާޅުވީ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން އަރައިގަތުމުގައި އދ. އިން ރާއްޖެއަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށާއި، 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ މަގުގައި ވެސް އެ ބައިވެރިވުމަކީ މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށެވެ.

އދ. ގެ ނިޒާމުގައި ރާއްޖޭގެ ދައުރު ފުޅާވަމުން އަންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އާންމު މަޖިލީހާއި އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ނައިބު ރައީސްކަން މީގެ ކުރިން ރާއްޖެއިން އަދާކޮށްފައިވާ ކަމަށާއި، މިހާރު ވެސް ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން އަދި އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެންބަރުކަން ރާއްޖެއިން އަދާކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހަށާއި އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަމަށް ވެސް ރާއްޖެއިން ވާދަކުރަމުންދާ ކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.

މެސެޖު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، 1965 ވަނަ އަހަރު ރާއްޖެ އދ. އާ ގުޅުނީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަތުން ހޯދުމަށް ކަމަށްވިޔަސް، މިއަދު ރާއްޖެ އޮތީ އެ ޖަމިއްޔާ ބައްޓަންކުރުމުގައާއި، އެއްވެސް މީހަކު ބާކީނުވާ ފަދަ ވިލުންތެރި މުސްތަގުބަލެއް ބިނާކުރުމުގައި އެންމެ އިސް ސަފުގައި ޒިންމާ އުފުލުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.