ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި އަންނަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑެތި މުޒާހަރާތަކުގެ ކުރިން، އޭނާގެ ކޮއްކޯފުޅު އަލީމާ ޚާނަމް، އާދީއްތަ ދުވަހު ލާހޯރުން ހައްޔަރުކޮށްފި އެވެ.
އިމްރާންގެ ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އިން މި ހައްޔަރުކުރުން ސިފަކުރީ "ޣައިރު ގާނޫނީ" ފިޔަވަޅެއްގެ ގޮތުގަ އެވެ. ލާހޯރުގެ ޑެޕިއުޓީ ކޮމިޝަނަރު ނެރުއްވި އަމުރުގައި ބުނެފައިވަނީ، ސޯޝަލް މީޑިއާ އާއި އާންމު އެއްވުންތައް މެދުވެރިކޮށް އިމްރާނަށް ތާއީދުކުރާ މީހުން މުޒާހަރާއަށް ނެރުމަށް އަލީމާ މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެ ސަބަބުން ގައުމުގެ އަމަންއަމާންކަން ގެއްލޭ ފަދަ ހާލަތެއް މެދުވެރިވަމުންދާ ކަމަށެވެ. އެ އަމުރުގެ ދަށުން 30 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބަހައްޓާނެ އެވެ.
އަލީމާގެ ދަރިފުޅު ޝަހްރޭޒް ޚާން ވަނީ، މަންމަ ހުރި ތަނެއް ސަރުކާރުން ވަގުތުން ހާމަކުރުމަށާއި ރައްކާތެރިކަމާއެކު އޭނާ ދޫކޮށްލުމަށް ގޮވާލައި އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ. އަލީމާ އަކީ ބޭބެ ޖަލުގައި ބެހެއްޓުމާ ދެކޮޅަށް ފާޅުގައި އަޑުއުފުލަމުން އަންނަ ޕީޓީއައިގެ ފާހަގަކޮށްލެވޭ ސިޔާސީ އަޑެކެވެ.
ސެޕްޓެމްބަރު 27 ވަނަ ދުވަހު މުޅި ޕާކިސްތާނުގައި މުޒާހަރާތައް ބާއްވައި، މުޒާހަރާގެ ބައިވެރިން ވެރިރަށް އިސްލާމްއާބާދަށް އެއްވުމަށް ޕީޓީއައި އިން ވަނީ ގޮވާލާފަ އެވެ. ޕާކިސްތާނުގެ ދާޚިލީ ވަޒީރު ވިދާޅުވެފައި ވަނީ، މި މުޒާހަރާތައް ހުއްޓުވުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
އިމްރާން ޚާން 2023 ވަނަ އަހަރުން ފެށިގެން ޖަލުގައި ހުންނަވާއިރު، ދައުލަތުގެ ސިއްރު ހާމަކުރުމާއި ކޮރަޕްޝަން ފަދަ 100 އަށްވުރެ ގިނަ ދައުވާ އޭނާގެ މައްޗަށް ވަނީ އުފުލާފަ އެވެ. މިދިޔަ އަހަރު އޭނާގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ސިއްހީ ހާލަތު ދަށްވަމުންދާތީ މިދިޔަ މަހު އޭނާ ވަނީ ޓެސްޓު ހެދުމަށް ހޮސްޕިޓަލަށްވެސް ގެންގޮސްފަ އެވެ. އިމްރާން ވިދާޅުވަމުން ގެންދަވަނީ އޭނާއަށް ކުރާ ދައުވާތަކަކީ ސިޔާސީ ބޭނުމުގައި ކުރާ ދައުވާތަކެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ