މަސްތުވާތަކެތީގެ ނުރައްކާތެރިކަން އޮތް މިންވަރުން ރައްޔިތުންނަށް ކުރިމަތިވާ ބިރުވެރިކަމާއި ނާމާންކަމަކީ އެންމެން ގަބޫލުކުރަންޖެހިފައި އޮތް ހަގީގަތެއްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ށ. އަތޮޅު ފޭދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ އަތޮޅުތަކުގައި ރައްޔިތުންގެ ކަންބޮޑުވުން އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަސްތުވާތަކެއްޗާ ގުޅިގެން އުފިދެގެންދާ ތަފާތު ކުށްތައް ރަށްރަށުގައި ފެތުރި އޭގެ އަސަރު މުޅު މުޖުތަމައުއަށް ފޯރައިގެން ދިއުންކަމަށް ވިދާޅުވިއެވެ.
އަދި ވަކިން ހާއްސަކޮށް ބޮޑުވަމުން އަންނަ ޖީލަށް ކުރާ ނުރަނގަޅު އަސަރުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ބިރުވެރިކަމާއި ނާމާންކަމަކީ އެންމެން ގަބޫލުކުރަންޖެހިފައި އޮތް ހަގީގަތެއްކަމަށާއި މިކަމުން އަރައިގަތުމުގައި ފުލުހުންނާ އެކުގައި އެއްސަފެއްގައި އެއްގޮތެއްގައި ބައިވެރިވެ، ކައުންސިލާއި މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކުރުން ދެވަނަ ގޮތެއް ނެތްކަމަށް ވިދާޅުވިއެވެ. އަދި މިކަން ހަގީގަތަކަށް ހެދިގެންދާނީ ރަށުގެ ކައުންސިލާއި މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ގުޅިގެން އެކަމަށް މަސައްކަތްތަކެއް ކުރެވިގެންކަމަށް ވިދާޅުވިއެވެ.
މިއަދު ފުލުހުންގެ ހިދުމަތް ބައްޓަންކުރަމުންދަނީ ފުލުހުންނާއި މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މަަސައްކަތްކުރާ އަވަށްޓެރި ފުލުހުންގެ ފަލްސަފާގެ ތެރެއިންކަން ފާހަގަކުރައްވައި، އެމަސައްކަތް ރަނގަޅު ގޮތުގައި ދިއުމުން ރަށުގައި އުފެދިގެންދާ ތަފާތު ހާލަތްތައް ކުށަކަށް ބަދަލުވެގެން ދިއުމުގެކުރިން، ގާނޫނީ ގޮތުން އަދަބާ ހަމައަށް ދިއުމުގެ ކުރިން އެކަންކަން ރަނގަޅަށް ދެނެގަނެ އެއަށް ހައްލު ހޯދޭނެ ގޮތްތައް ހޯދިގެންދާނެކަމަށް ވިދާޅުވިއެވެ.
އަދި ފޭދޫގައި ގާއިމްވެ މަސައްކަތްކުރާ ފުލުހުންވެސް ރަށުގެ މުއައްސަސާތަކާއި ރައްޔިތުންނާ އެކުގައި އެމަސައްކަތް އެގޮތުގައި ގެންގޮސްދޭނެކަމަށާއި ފުލުހުން ރީޖަނަލް ކޮމާންޑަރާއި އަތޮޅު ކޮމާންޑަރުގެ އިތުރުން ރަށުގައި ގާއިމްވެތިބޭ ފުލުހުން ރަށުގެ މުއައްސަސަތަކާ ރައްޔިތުންނާ ވަރަށް ގުޅިގެން އެކުގައި މަސައްކަތްކޮށް އަވަސް ފިޔަވަޅުތަކެއް އަޅައި، ރަށަކީ އެންމެ ސުލްހަވެރި، އެކުވެރި އަދި އަމާން ރަށަކަށް ހެދުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ