ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ށ. އަތޮޅު ފޭދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
މިއަދު ފޭދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒްއެވެ. އަދި ފުލުހުންގެ ހިދުމަތުގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސްއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ދެއްކެވި ވާހަކަފުޅުގައި އަތޮޅުތަކުގައި ރައްޔިތުންގެ ކަންބޮޑުވުން އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަސްތުވާތަކެއްޗާ ގުޅިގެން އުފިދެގެންދާ ތަފާތު ކުށްތައް ރަށްރަށުގައި ފެތުރި އޭގެ އަސަރު މުޅު މުޖުތަމައުއަށް ފޯރައިގެން ދިއުންކަމަށް ވިދާޅުވިއެވެ. އަދި ވަކިން ހާއްސަކޮށް ބޮޑުވަމުން އަންނަ ޖީލަށް ކުރާ ނުރަނގަޅު އަސަރުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ބިރުވެރިކަމާއި ނާމާންކަމަކީ އެންމެން ގަބޫލުކުރަންޖެހިފައި އޮތް ހަގީގަތެއްކަމަށާއި މިކަމުން އަރައިގަތުމުގައި ފުލުހުންނާ އެކުގައި އެއްސަފެއްގައި އެއްގޮތެއްގައި ބައިވެރިވެ، ކައުންސިލާއި މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކުރުން ދެވަނަ ގޮތެއް ނެތްކަމަށް ވިދާޅުވިއެވެ. އަދި މިކަން ހަގީގަތަކަށް ހެދިގެންދާނީ ރަށުގެ ކައުންސިލާއި މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ގުޅިގެން އެކަމަށް މަސައްކަތްތަކެއް ކުރެވިގެންކަމަށް ވިދާޅުވިއެވެ.
ފޭދޫ ޕޮލިސް ޑެސްކު ހުޅުއްވައި ދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއަރޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޑެސްކު ބައްލަވާލައްވާފައެވެ.
ޕޮލިސް ޕޯސްޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އާއި އަޕަރ ނޯތު ޕޮލިސް ރީޖަން ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމް އާއި ށ. ފޭދޫ ކައުންސިލްގެ ރައީސް އާއި އެކައުންސިލް މެމްބަރުންނާއި ރަށުގައި ހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.