ލ.އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް "ފަސްކުރި" ދޯނި ބަލައި ލޯންޗެއްގައި ބަޔަކު އެދޯންޏަށް ހަތިޔާރާއިއެކު އެރި އެރުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ހާދިސާ ހިނގައިދިޔަތާ 7 ދުވަސް ފަހުން ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.
އެޗްއާރުސީއެމްއިން މިއަދު ނެރުނު ބަޔާނެފައި ބުނެފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ދަންވަރު، ލ.އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އައްޑޫ ސިޓީގެ މަސްވެރިންތަކެއް ޙަރަކާތްތެރިވަމުން ދިޔަ "ފަސްކުރި" މަސްދޯންޏަށް ތޫނު ހަތިޔާރާއެކު ބަޔަކު އަރައި، އެދޯނި ހައިޖެކްކޮށް ދޯނީގައި ތިބި ފަޅުވެރިންނަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކި މައްސަލައަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިންނާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާއި، ދިވެހިރާއްޖެއިން ބައިވެރިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކާއި، ދިރިހުރުމުގެ ޙައްޤާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤާއި، މުދާ ރައްކާތެރިކުރުމުގެ ޙައްޤާއި މަސައްކަތްކުރުމުގެ ޙައްޤަށް ހުރަސްއެޅިދާނެފަދަ މައްސަލައެއް ކަމަށްވުމާއެކު، މިކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށެވެ.
ޓެރަރިޒަމްގެ މި މައްސަލައަކީ ޚައްޞާޞް މައްސަލައެއްގެ ގޮތުގައި ދެކި، ވީ އެންމެ އަވަސް މިނެއްގައި ތަޙުޤީގުކޮށް، މި ބިރުވެރި އަމަލު ހިންގާފައިވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނެސް، މި ޙާދިސާ ކުރިމަތިވި މަސްވެރިންނަށް އިންސާފު ކަށަވަރުކުރުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް އިލްތިމާސް ކުރަން. އަދި މި މައްސަލައާ ގުޅިގެން ދައުލަތުގެ އިދާރާތަކުން އެންމެ އެކަށީ އެކަށީގެންވާ ފިޔަވަޅުތައް އަޅަމުންދޭތޯ ކޮމިޝަނުން ފާރަވެރިވެ މި މައްސަލައިގެ ތަޙްޤީޤު ކުރިޔަށްދާ މިންވަރު ގާތުން ބަލަމުންދާކަމުގައި ދަންނަވަން.
– އެޗްއާރުސީއެމްގެ ބަޔަނުގައި ވެއެވެ.
ދޭދޭ ފަރުދުންގެ މެދުގައި ޖެހޭ މިފަދަ މައްސަލަތަކުގައި، ބާރުގެ ބޭނުންކޮށް މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުމަކީ މުޖުތަމަޢުގައި އަނިޔާވެރިކަމާއި ހަމަނުޖެހުމާއި ލޭ އޮހޮރުވުން ފެތުރިދާނެފަދަ ކަމެއްކަމަށްވުމާއެކު، މިފަދަ ޢަމަލުތަކުން އެންމެހައި ތްތަކުން ދުރުހެލިވުމަށް އެޗްއާރުސީއެމްއިން ވަނީ ގޮވާލާފައެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ދަޢުލަތުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް، މިފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް އެންމެހައި ފަރާތްތަކަށް ވެސް އެކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ. މުޖުތަމަޢުގައި ޞުލްޙަ މަސަލަސްކަން ދަމަހައްޓައި، ދިވެހިރާއްޖެއަކީ ރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށް އަމާން ވެށްޓެއްކަމުގައި ހެދުމަށް މަސައްކަތްކުރުމަކީ އެންމެހައި ފަރުދުންގެ ޒިންމާއެއްކަމަށްވެސް މިބަޔާނުގައި ވެއެވެ.
ކޮމެންޓު ފޮނުވާ