ކޯޕް26 ސަމިޓަކީ، ތިމާވެށީގެ މައްސަލަތަކަށް އޮތް ކިހާވަރެއްގެ ހައްލެއްތައް؟ އަމާޒަކީ ކޮބާ؟

ކޯޕް26 ސަމިޓަކީ، ތިމާވެށީގެ މައްސަލަތަކަށް އޮތް ކިހާވަރެއްގެ ހައްލެއްތައް؟ އަމާޒަކީ ކޮބާ؟

Author
ހުސެއިން
02 ނޮވެމްބަރ 2021 07:47
0

ނޮވެމްބަރު މަހުގެ 1 އިން 12އަށް، ސްކޮޓްލޭންޑްގެ ގްލަސްގޯވް ސިޓީގައި މިހާރު ކުރިޔަށްދާ، ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާބެހޭ ބައިނަލް އަގުވާމީ ކޮންފަރެންސް COP26، އަކީ މިހާތަނަށް ދުނިޔޭގައި ބޭއްވިގެންދާ ތިމާވެއްޓާބެހޭ އެންމެ ބޮޑު އެއްވުމެވެ. މިގޮތުން މި ބައްދަލުވުމުގައި ދުނިޔޭގެ 200 އަށްވުރެ ގިނަ ގައުމުތަކުން އެންމެމަތީ ވެރިންގެ އިތުރުން، އެތައް ހާސް ޑެލިގޭޓުންނާއި، މަދަނީ ޖަމްއިއއްޔާތަކުގެ މެމްބަރުންނާއި މީޑިއާތަކުންވެސް މިބައްދަލުވުމުގައި ދަނީ ބައިވެރި ވަމުންނެވެ.

1992 ވަނަ އަހަރު، ބްރެޒިލްގެ ރިއޯ ޑީ ޖެނިރޯގައި، ޔޫއެންއިން އިންތިޒާމް ކޮށްގެން ބޭއްވި، ދުނިޔޭގެ "އާރތު ސަމިޓު"ގައި، "ޔޫއެން ފްރމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް  ޗޭންޖް" (UNFCCC) ފާސް ކުރެވުނެވެ.

މި ޓްރީޓިގައި ދުނިޔޭގެ ގައުމުތަކުން ވަނީ، ތިމާވެއްޓަށް ގެއްލުން ހުރި ކަންކަމުގައި އިންސާނުން އަމަލްތައް މަދުކުރުމުގެ ގޮތުން "ގްރީން ހައުސް ގޭސް ޖައްވުގައި ޖަމާވަމުން ދާމިންވަރު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް" އެއްބަސްވެފައެވެ. މި ޓްރީޓިއަކީ މިއަދު ދުނިޔޭގެ 197 ގައުމުން ބަލައިގަނެ ތަސްދީގު ކޮށްފައިވާ ޓުރީޓީއެކެވެ.

މިގޮތުން 1994ވަނަ އަހަރު ދުނިޔޭގެ ގައުމުތަކުން މި ޓްރީޓީއަށް އަމަލު ކުރަން ފެށިފަހުން، ކޮންމެ އަހަރަކުވެސް ޔޫއެންއިން ދަނީ ދުނިޔޭގެ ހުރިހާ ގައުމުތައް ކަހަލަ ގޮތަކަށް އެއްތަންކޮށް، "ކޯޕްސް" (ކޮންފަރެންސް އޮފް ޕާޓީސް)ގެ ނަމުގައި ބައިނަލް އަގުވާމި ފެންވަރުގެ ތިމާވެއްޓާބެހޭ ސަމިޓެއް ބާއްވަމުންނެވެ.

2019ވަނަ އަހަރު ނިމެމުން ދަނިކޮށް ދުނިޔެއަށް ކުރިމަތި ލާންޖެހުނު ކޯވިޑް19ގެ އާލަމީ ވަބާއާއިގެ ސަބަބުން ނޫންނަމަ، މިއަހަރު ބޭއްވިގެންދާ ސަމިޓް ވެގެން ދިޔައީހީ، މިގޮތުން ބޭއްވިގެންދާ 27 ވަނަ ސަމިޓަށެވެ.

ކޯޕް26 ސަމިޓް ބާއްވަމުން ދަނީ، އިގިރޭސް ވިލާތުގެ ސްކޮޓްލޭންޑުގެ ގަސްގަލޯވްގަ

 

ކޯޕް26 ސަމިޓުން ކުރަނީ ކީއް؟

1994ވަނަ އަހަރު ދުނިޔޭގެ ގައުމުތަކުން އަމަލު ކުރަން ފެށި "ޔޫއެން ފްރމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް  ޗޭންޖް" (UNFCCC)އަށް އިތުރު ފުރިހަމަ ގެނައުމަށްޓަކާ، އަދި ދުނިޔޭގެ ވަކިވަކި ގައުމުތަކުން ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭސް ވަކި މިންގަޑެއްގައި ހިފެއްހެއްޓުން އެގައުމުތަކުގެ މައްޗަށް ގާނޫނީގޮތުން ލާޒިމް ކުރުމަށްޓަކާ، ފާއިތުވެދިޔަ މުއްދަތުގައި ބޭއްވިގެންދިޔަ "ކޯޕްސް" ސަމިޓްތަކުގައި ދުނިޔޭގެ ގައުމުތަކުގެ މެދުގައި ވަނީ މަޝްވަރާތައް ކުރެވިގެން ގޮސްފައެވެ.

މީގެ ތެރޭގައި 1997ވަނަ އަހަރުގެ ކިޔޯޓޯ ޕްރޮޓޮކޯލް ހިމެނެއެވެ. މި ޕްރޮޓޯކޯލްގައި، ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން ޖައްވަށް ދޫކުރަމުންދާ ގްރީންހައުސް ގޭސް (ގަދަބުޅި އެކުލެވޭ ގޭހާއި ދުން) ވަކި މިންވަރެއްގައި ހިފައްޓާ 2012 ވަނަ އަހަރު އަންނަންވާއިރަށް ހާސިލް ކުރާނެ ލަނޑު ދަނޑިތަކެއް ކަނޑައެޅުނެވެ. އަދި މީގެ އިތުރުން 2015 ވަނަ އަހަރު ދުނިޔޭގެ ގައުމުތަކުން އެއްބަސްވި، ޕެރިސް އެގްރީމަންޓުގައި ގައުމުތަކުން ވަނީ، އިންޑަސްޓްރިއަލް މަސައްކަތްތައް ދުނިޔޭގައި އާންމުވާން ފެށުމުގެ ކުރިން ދުނިޔޭގެ ހޫނުމިން ހުރި ދަރަޖައާއި އަޅާކިޔާ، ދުނިޔޭގެ ހޫނިމިން 1.5°C އަށްވުރެ މަތިވެގެން ދިޔަ ނުދިނުމުގެ ގޮތުން، މުހިންމު މަސައްކަތްތައް ކުރުމަށާއި އަދި ތިމާވެއްޓާއި ގުޅުންހުރި ކަންކަމަށް ޚަރަދު ކުރުމަށް ދޭ އެހީތެރިކަން އިތުރު ކުރުމަށްވެސް އެއްބަސް ވެފައެވެ.

އަދި މިހަރު ބޭއްވިގެން މިދާ ކޯޕް26 ސަމިޓް އާދަޔާ ޚިލާފަށް މުހިންމުވެގެންދާ އެއް ސަބަބަކީ މިއީއެވެ. މި ކޮންފަރެންސްގައި މަޝްވަރާ ކުރެވިގެންދާ، ތިމާވެއްޓާ ގުޅުންހުރި މުހިންމު ކަންކަމުގެ ތެރޭގައި، "ޕެރިސް ރޫލްބުކް" ގެ ނަމުގައި، ޕެރިސް އެގްރީމަންޓް ތަންފީޒު ކުރާނެ ގަވާއިދުތަކަކަށް ނުވަތަ އުސޫލުތަކަކަށް އެއްބަސްވުމަށް މަޝްވަރާ ކުރުން ހިމެނެއެވެ. މިގޮތުން މި މަޝްވަރާތަކުގައި ދުނިޔޭގެ ގައުމުތަކުން އެއްބަސްވާ ތާވަލެއް ކަޑައަޅާ، އަދި ތިމާވެއްޓާއި ގުޅުންހުރި ކަންކަމުގައި ދުނިޔޭގެ ގައުމުތަކުން އަމަލް ކުރުމަށް ވައުދުވާ ކަންކަން މޮނިޓަރ ކުރެވޭ މިންގަޑުތައް ކަޑައަޅާ އަދި މި ވައުދުތައް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން މުރާޖައާކުރާނޭ އަވަސް ލަސްމިނާމެދުވެސް އެއްބަސް ވާން ޖެހެއެވެ.

އެހެންނަކަމުން، ކުރު ގޮތަކަށް ދަންނަވާނަމަ، 2015ވަނަ އަހަރު ބޭއްވުނު ޕެރިސް ބައްދަލުވުމުގައި ވަނީ، ދަތުރުކުރާނެ އަމާޒުތައް ކަނޑައެޅިފައެވެ. އެއީ މި ގަރުނުގައި ދުނިޔެ ހޫނުވާ މިންވަރު 2 ޑިގްރީއަށްވުރެ ދަށުގައި (އެންމެ ރަގަޅު މިންވަރަކީ 1.5) ހިފަހެއްޓުމެވެ. އަދި މިހާރު ކުރިޔަށްދާ ގްލަސްގޯވް ސަމިޓް ވެގެންދާނީ މި އަމާޒަށް ވާސިލްވުމަށް ލިބިގެންދާނެ އެންމެ ފަހު ފުރުސަތު ކަމުގައެވެ.

އެމެރިކާގެ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް ޖޯންކެރީ، 2015ވަނަ އަހަރުގެ ޕެރިސް އެގްރީމަންޓުގައި ސޮއި ކުރައްވަނީ

 

އެންމެ ފަހު ފުރުސަތަށް ވަނީ ކީއްވެ؟

ފާއިތުވެދިޔަ 30 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ދުނިޔޭގެ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތައް ވެގެން ގޮސްފައިވަނީ، "ނުރަގަޅު ބަދަލުތަކުގެ" ދަރަޖައިން، "އިންސާނުންގެ ފުރާނައަށް ނުރައްވާ، ބައިނަލް އަގުވާމި އެމަޖެންސީ ހާލަތުގެ" ދަރަޖައަށް ބަދަލު ވެގެން ގޮސްފައެވެ.

މިގޮތުން މިހާރު ކުރިޔަށްދާ ކޯޕް26 ސަމިޓްގެ ކުރިންވެސް، ދުނިޔޭގެ ބައެއް ގައުމުތަކުން ދުނިޔޭގެ ތިމާވެއްޓާއި އަދި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން އާ ނިންމުންތައް ނިންމާ އަދި އަމަލުކުރަން ފަށާފައިވި ނަމަވެސް، ދުނިޔެ މިހާރުވަނީ ނުރައްކާތެރި ދަރަޖައަކަށް ހޫނުމިން މަތިވެގެން ދިއުމުގެ މަގުމަތީގައެވެ. މިގޮތުން ބަލާއިރު، 2015ވަނަ އަހަރު ފްރާންސްގެ ޕެރިހުގައި އެއްބަސް ވެވުނު ޕެރިސް އެގްރީމަންޓުގައި އެކަށަ އެޅުނު ލަނޑުތަޑިތަކާ ހަމައަށް، ދެން ވާސިލް ވެވުނު ނަމަވެސް، މި ގަރުނު ނިމޭއިރު ދުނިޔޭގެ ހޫނުމިން އެންމެ ދަށްވެގެންވެސް 2.7°C އަށް މަތިވެގެން ދާނެކަމުގެ އިންޒާރު ދުނިޔޭގެ ސައިންސްވެރި ވަނީ ދީފައެވެ.

މިގޮތުން ސައިންސްވެރިން ދީފައިވާ އިންޒާރު ތިރީގައި މިވަނިއެވެ.

މި ގަރުނު ނިމޭއިރު މި ދަރަޖައަށް ދުނިޔޭގެ ހޫނުމިން މަތިވެގެން ހިގައްޖެނަމަ، ކުރިމަތިވެގެންދާނެ އެހެނިހެން ނުރައްކާތަކުގެ އިތުރުން، ދުނިޔޭގެ އުތުރު ބިތުގައި ހޫނު މޫސުމުގައި ހިގަމުންދާ އަލިފާނުގެ ހާދިސާތަކުގެ މިންވަރު %62 އިތުރު ވެގެން ދާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މުޅި ދުނިޔޭގައި ދިރިއުޅެމުންދާ ވަލު ޖަނަވާރުތަކުގެ އާބާދީގެ ތިންބައިކޮށްފަ އެއްބައިގެ ގެދޮރު ނެތިގެން ހިގައިދާނެއެވެ. މީގެ އިތުރުން ހޫނު މޫސުމުގެ ހަނަފަސްކަން 4 މަހާއި 10 މަހާ ދެމެދަށް ދިގުލައިގެން ދިއުން އަވަސް ވެގެންދާނެއެވެ.

ދުނިޔޭގެ ހޫނުމިން މަތިވަމުން ދިއުމުގެ ނަތިޖާއެއްގެ ގޮތުން، ދުނިޔޭގެ ބައެއް ސަރަހައްދުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތައް، ވަކީން ޚާއްސަކޮށް އެފްރިކާގެ ސަހަރާތަކުގައާއި، އަދި ކަނޑުގެ ލޮނުގަޑު އުފުލެމުން ދިއުމުގެ ސަބަބުން ކުދި ޖަޒީރާތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތައް، ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް މިހާރުވެސް ސިފަ ކުރައްވާފަވަނި ދުނިޔެއަށް ކުރިމަތިވަމުންދާ ބޮޑެތި ކާރިސާތަކުގެ ގޮތުގައެވެ.

އަދި މޫސުމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވަމުންދާ ބޮޑެތި ކާރިސާތަކުގައި މިހާރުވެސް ދުނިޔޭގެ އެތައް މިލިއަން ބަޔަކު ގެދޮރު ނެތި އަދި ވަނީ މަރުވެސް ވެފައެވެ.

ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއާއި އަދި އިންޓަރގަވަރމެންޓަލް ޕެނަލްގައި ހިމެނި ވަޑައިގަންނަވާ އެތައް ސަތޭކަން ސައިންސްވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، ދުނިޔޭގެ މުސްތަގުބަލުގެ އާބާދީއަށް ދުނިޔޭގައި ދިރިއުޅެވެން އޮތް ހަމައެކަނި ހާލަތަކީ ދުނިޔޭގެ ހޫނިމިން 1.5°C އަށްވުރެ މަތިވެގެން ދިޔަ ނުދިނުމެވެ.

ވިއްސާރައިގެ ސަބަބުން ފެން ބޮޑުވުމުން ސަލާމަތްވުމަށް، ބަންގްލާދޭޝްގެ އައްސޭރިފަށުގެ ސަރަހައްދެއް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަނީ

މިގޮތުން ސައިންސްވެރިން ފާހަގަ ކުރާ ގޮތުގައި މި ލަނޑުދަޑި ކަޑައެޅުމުގައި މިހާރު މިވަނީ ވަގުތު ގުނަން މަޖުބޫރުވެފައެވެ. މިގޮތުން، ދުނިޔޭގެ ހޫނުމިން އަންފޯރާ ފަށަށްވުރެ މަތިވެގެން ދިޔަ ނުދިނުމަށްޓަކާ، ދުނިޔޭގެ ގައުމުތަކުން ޖައްވަށް ބޭރުކުރަމުންދާ ގްރީންހައުސް ގޭހުގެ މިންވަރު ކުރިޔަށް އޮތް 8 އަހަރުގެ ތެރޭގައި މިހާރު ހުރި މިންވަރާ އަޅާބަލާއިރު ދެބައި ކޮށްފަ އެއްބަޔަށް ތިރި ކުރަން ޖެހެއެވެ.

މިއީ، މިހާރު ކުރިޔަށްދާ ކޯޕް26 ސަމިޓުގައި، ދުނިޔޭގެ ގައުމުތަކުގެ ވެރިން، އެގައުމުތަކުގައި، ބިމުގެ އަޑިން ނަގާ މައުދަނެއް ކަމުގައިވާ ކޯލް ނެގުން ހުއްޓުމަކަށް ގެންނާނޭ ތާވަލެއް އެކަށަ އަޅާ، ގައުމުތަކުގެ އިގްތިސާދުތައް "ނެޓް ޒީރޯ އެމިޝަން" (ޖައްވަށް ބޭރުވަމުންދާ ގްރީން ހައުސް ގޭސް މިހާރު ހުރި މިންވަރަށްވުރެ އިތުރު ވިޔަ ނުދިނުން) އަށް ވާސިލްވުމަށް، އުދަގޫ، އެހެންނަމަވެސް އެހާމެ މުހިންމު ނިންމުންތަކެއް ނުނިންމަވައިފި ނަމަ، ހާސިލްވެގެން ދިއުން މުސްތަހީލު ލަނޑުދަޑިއެކެވެ.

 

ޗައިނާ އަދި އެމެރިކާ ފަދަ ގައުމުތަކުން "ނެޓް ޒީރޯ" އަށް އެއްބަސް ވެއްޖެތަ؟

ޔޫއެންއިން ދާދިފަހުން ނެރެފައިވާ އެމިޝަންސް ގެޕް ރިޕޯޓް (Emissions Gap Report) ގައި ބުނެގައިވާ ގޮތުން، މިހާތަނަށް ދުނިޔޭގެ 49 ގައުމަކުންނާއި، އަދި ޔޫރަޕިއަން ޔުނިއަންގެ ހުރިހާ ގައުމަކުންވެސް ވަނީ "ނެޓް ޒީރޯ" ޓާރގެޓަށް ވާސިލްވުމަށް އެއްބަސް ވެފައެވެ.

މިއީ، ދުނިޔޭގެ ގައުމުތަކުން ޖައްވަށް ދޫކުރާ ގްރީންހައުސް ގޭހުގެ ދެބައި ކޮށްފަ އެއްބައެވެ. އަދި މިއީ މުޅި ދުނިޔޭގެ ޖީޑީޕީގެ ދެބައި ކޮށްފަ އެއްބައެވެ. އަދި މުޅި ދުނިޔޭގެ އާބާދީގެ ތިންބައި ކޮށްފަ އެއްބައެވެ. "ނެޓް ޒީރޯ" އަށް ވާސިލްވުމަށް މި ގައުމުތަކުން އެކަށައަޅާފައިވާ ގާނޫނުތަކުގައި 11 އަމާޒެއް ހިމަނާފައި ވާއިރު، މި ފިޔަވަޅުތަކުން ހިއްސާ ކޮށްދެނީ، މުޅި ދުނިޔޭގައި ޖައްވަށް ބޭރުވާ ގްރީންހައުސް ގޭހުގެ %12 އެވެ.

އެހެންނަމަވެސް، މިއީ އެންމެ އުފާވެރި ޚަބަރަކަށް ނުވަނި ކީއެއްވެ ހެއްޔެވެ؟ ސަބަބަކީ، މިގައުމުތަކުގެ ތެރެއިންވެސް ގިނަ ގައުމުތަކުންވަނީ، "ނެޓް ޒީރޯ"އަށް ވާސިލް ވާނެ ތާރީޚު 2030 އާއި ހަމައަށް ލަސްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން، މި ގައުމުތަކުންވެސް އެކަށައަޅާފައިވާ މި ލަނޑުދަނޑިތަކާ ހަމައަށް ވާސިލް ވެވިދާނެތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި މި ގައުމުތަކުން އަމަލުކުރުމަށް ނިންމާފައިވާ ކަންކަމަކީވެސް އެހާ އާރުލާ ކަންކަމުގެ ގޮތުގައި ފާހަގަ ވެގެން ނުދާއިރު، މީގެ ތެރޭގައި ހިމެނޭ ގިނަ ވައުދުތަކަކީ، ގައުމުތަކުން ހާސިލް ކުރުމަށް ޕެރިސް އެގްރީމަންޓުގައި އެއްބަސްވެފައިވާ "ނޭޝަނަލީ ޑިޓާމައިންޑް ކޮންޓިރިބިއުޝަންސް" (NDC’s)އާއި އެއްގޮތަށް އެކުލަވާލެވިފައިވާ އަމާޒުތަކެއްވެސް ނުމެ ނޫންމެއެވެ.

މީގެ ނަތީޖާއެއްގެ ގޮތުން މިހާރު ކުރިޔަށްދާ ކޯޕް26ގެ މުހިންމުކަން އިތުރުވެގެން ދެއެވެ. "ވަގުތު ފާއިތު ވެއްޖެ.. ސަރުކާރުތަކުން، ވަކީން ޚާއްސަކޮށް G20ގެ (ދުނިޔޭގެ އެންމެ މުއްސަދި ގައުމުތައް) ގައުމުތަކުން އިސްނަގާ މި މަސައްކަތުގައި ލީޑަރޝިޕް ނުދައްކަވައިފިނަމަ، އަހަރެމެން މިސްރާބު ޖަހާފައި މިތިބީ އިންސާނީ ބޮޑެތި ކެކުޅުންތަކާ ދިމާލަށް،" މިއަހަރު ބެއްވުނު ޔޫއެންގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ޔޫއެންގެ ސެކެޓްރީޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެފައި ވެއެވެ.

މޮމްގޯލިއާގައި، ކޯލް ބޭނުން ކޮށްގެން ހިންގާ އިންޖީނު ގެއަކުން ގެދަބުޅި އެކުލެވޭ ދުން ޖައްވަން ބޭރު ކުރަމުން ދަނީ

 

ކޯޕް26 ސަމިޓުން ޙާސިލް ކުރުމަށް އަމާޒުހިފާ ކަންކަމަކީ ކޮބާ؟

ކޮޕް26 ސަމިޓުގެ ރަސްމީ މަޝްވަރާތައް ކުރިޔަށް ދާނީ 2 ހަފްތާގެ މުއްދަތަށެވެ. މިގޮތުން ފުރަތަމަ ހަފްތާގައި ކުރިޔަށް ދާނީ ސަރުކާރުތަކުގެ އޮފިޝަލުންގެ މެދުގައި ކުރިޔަށްދާ (ޓެކްނިކަލް ނެގޯޝިއޭޝަން) ފަންނީ މަޝްވަރާތަކެވެ. އަދި އެއަށްފަހު، މަތީ ފަންތީގެ، ވަޒީރުންނާއި ގައުމުތަކުގެ ވެރީންގެ ފެންވަރުގެ މަޝްވަރާތައް ދެވަނަ ހަފްތާގައި ކުރިޔަށް ދާނެއެވެ. މި ސަމިޓުގައި އެއްވެސް ކަމެއްގެ ނިމުމަކާ ހަމައަށް އާދެވޭނެކަން ނުވަތަ ނޫންކަން އެގިގެންދާނީ މިހާ ހިސާބުންނެވެ.

މި ސަމިޓް ހޯސްޓު ކުރަމުންދާ އިނގިރޭސިވިލާތުން ހާމަ ކޮށްފައިވާ ގޮތުގައި މި ސަމިޓްގައި މައިގަޑު 4 އަމާޒަކަށް ވާސިލްވުމަށް މަޝްވަރާ ކުރެވިގެން ދާނެއެވެ.

އެ ކަންކަމަކީ:

1. ގަރުނުގެ މެދަކާ ހަމައަށް ދާންވާއިރަށް "ނެޓް ޒީރޯ" އަށް ވާސިލްވެ، 1.5 ޑިގްރީގެ މިންވަރާއަށް ވާސިލް ވެވޭނެކަން ޔަގީން ކުރުން.

މިމަގުސަދު ހާސިލް ކުރުމަށް، ބިމުން ނަގާ މައުދަންގެ ބާވަތެއް ކަމުގައިވާ، ކޯލް ނެގުން ހުއްޓުމަކަށް ގެންނާނޭ އުސޫލަކަށް އެއްބަސްވެ، ޖަންގަލިތައް ނެތިގެން ދިއުން ހުއްޓުމަކަށް ގެނެސް، އަދި ފެހި އިގްތސާދަކަށް ވާސިލްވުން އަވަސް ކުރަން ޖެހެއެވެ. އަދި ކާބަން (ގެދަބުޅި)ގެ މާރކެޓް މެކޭނިޒަމަކާމެދު އެއްބަސް ވުމަށްވެސް މަޝްވަރާ ކުރެވޭނެއެވެ.

2. ދުނިޔޭގެ އާބާދީ ތަކާއި، ނެޗުރަލް ހެބިޓެޓްތައް (ގުދުރަތީ ތަންތަން) ހިމާޔަތް ކުރުން

ދުނިޔޭގެ މޫސުމަށް މިހާރުވެސް ނޭދެވޭ ބޮޑެތި ބަދަލުތައް އަންނަން ފަށާފައި ވުމާއެކު، މި ބަދަލުތަކުގެ ސަބަބުން ގައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުން އެގައުމުތައް ސަލާމަތް ކޮށްދީ، އިކޯސިސްޓަމްތައް އަލުން އިއާދަކޮށް، ދިފާއީ ނިޒާމުތައް އެކުލަވާލާ، އިންޒާރުދޭ ނިޒާމުތައް އެކުލަވާލާ، އަދި އިންފްރާސްރަކްޗަރ ވަރުގަދަ ކުރުން ހިމެނެއެވެ.

3. ފައިސާ ހަމަޖެއްސުން

މީގެ ކުރިން ބޭއްވިގެންދިޔަ ކޯޕް15 ސަމިޓްގައި ދުނިޔޭގެ މުއްސަދި ގައުމުތަކުން ވަނީ، 2020 ވަނަ އަހަރާ ހަމައަށް ދާއިރު، ދުނިޔޭގެ ފަގީރު ގައުމުތަކަށް ކުރިމަތިވާ މޫސުމީ ނުރައްކާތަކާއި، އަދި ދުނިޔެ ހޫނުވަމުން ދިއުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށް، ކޮންމެ އަހަރަކުވެސް 100 ބިލިއަން ޑޮލަރު ޚަރަދު ކުރުމަށް އެއްބަސް ވެފައެވެ.

އެހެންނަމަވެސް، މުއްސަދި ގައުމުތަކުގެ މިވައުދު ފުއްދާފައެއް ނުވެއެވެ. ނަތިޖާއެއްގެ ގޮތުން މި ފަންޑު ޔަގީން ކުރުމަށް ކޯޕް26 ސަމިޓް ވެގެން ދަނީ ވަރަށް މުހިންމު ސަމިޓަކަށެވެ. މިގޮތުން، ދުނިޔޭގެ މާލީ އިދާރާތަކުގެ އެހީގައި، 2025 އާއި ހަމަށް ހާސިލް ވެގެންދާނެ، ކްލައިމެޓް ފައިނޭސްގެ އާ އަމާޒުތަކެއް ކަނޑައެޅުމަށް މި ސަމިޓުން އެހީތެރިކަން ފޯރުކޮށް ދޭނެއެވެ.

4. މަގުސަދު ހާސިލް ކުރުމަށް އެންމެ އެކީ އެއް ލަނޑުދަނޑިއަކަށް މަސައްކަތް ކުރުން

ކޮޕް26ގެ އެއް މަގުސަދަކަށް ވެގެން ދާނީ، ސަރުކާރުތަކާއި، ވިޔަފާރިތަކާއި، މަދަނީ ޖަމިއްޔާތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ އިތުރުން، 2015ވަނަ އަހަރު އެކުލަވާލެވުނު ޕެރިސް އެގްރީމަންޓް އެކީ ތަންފީޒު ކުރުމަށް ބޭނުންވާ "ރޫލްބުކް" (ގަވާއިދުތައް ނުވަތަ އުސޫލުތައް) އެކަށައަޅާ ނިންމުމެވެ.

މިގޮތުން ކުރިޔަށްދާ ރަސްމީ މަޝްވަރާތަކުގެ އިތުރުން، ކޯޕް26 ސަމިޓުން، ތިމާވެއްޓާއި ގުޅުންހުރި އާ ކަންކަން ނިންމިގެން ދިއުމުގެ އިތުރުން މިކަންކަން ތަންފީޒު ކުރުމަށް އާ ކޯލިޝަންތައްވެސް އުފަންވެގެން އަންނާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.