ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް މިއަހަރުގެ ބަޖެޓުގައިވެސް ހިމަނާފައި ހުރި ގިނަ ސިޔާސަތު ތަކަކީ، މިހިނގާ 2021 ވަނަ އަހަރުގެ ބަޖެޓުގައިވެސް ހިމެނުނު، ނަމަވެސް އެކިއެކި ގޮންޖެހުންތަކާހުރެ، ތަންފީޒުކުރުން ނުކުރެވިވާ ކަންކަން ކަމުގައި، ފިނޭންސް މިނިސްޓަރ ވިދާޅު ވެއްޖެއެވެ.
2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލިހަށް ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރ އިބުރާހިމް އަމީރު ވިދާޅުވެފައިވަނީ، މިއަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ކަންތައްތަކަކީ ދައުލަތުގެ މައިގަނޑު ސިޔާސަތުތަކަށް ބާރުދޭ، ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް އެކުލަވާލެވިފައިވާ ކަންކަން ކަމުގައެވެ.
މިގޮތުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަންނަ އަހަރު ގަޖެޓްގައި ހުށަހަޅާ އާ ކަންތައްތަކަކީ:
- ޕްލާސްޓިކް ބޭގް ޓެކްސްއެއް ތައާރަފުކުރުން
- ރިޒޯޓްތައް ހެދުމަށް އާ ރަށްތައް ދޫކުރުން
- ރިއަލް އެސްޓޭޓް ޓޫރިޒަމް އިތުރަށް ފުޅާކުރުން
- ދިވެހިރާއްޖޭގެ ރަށްތަކުގައި ހިއްކޭ ބިމުގެ ވަކި އިންސައްތައެއް އާންމުންނަށް ވިއްކުމުގެ ސިޔާސަތު ތަންފީޒުކުރުން
ދައުލަތަށް އާމްދަނީ އިތުރުކުރެވޭ އާ ވަސީލަތް ތައާރަފް ކުރެވިގެން ނުދާ ކަމުގެ ކަންބޮޑުވުން ކޮންމެ އަހަރެއްގެ ބަޖެޓާއެކު ގިނަބަޔަކު ފާޅުކުރެއެވެ. އަދި އަހަރަކަށްވުރެ އަހަރެއް ދައުލަތް ދަރަނިވެރި ވަމުންދާ ދިއުމަށް އެކަށީގެންވާ ހައްލެއް ނުލިބި، މާލިއްޔަތަށް ބާރު ބޮޑުވުމުގެ އެއް އަސްލެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ފާހަގަ ކުރަމުންދާ އެއްކަމަކީެވެސް، ދައުލަތަށް އާމްދަނީ ހޯދޭނެ އާ ވަސީލަތްތަކެއް އިގްތިސާދީ ސިޔާސަތުގެ ތެރެއިން ހޯދިފައި ނުވާ ނުވުމެވެ.
ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް މިއަހަރުގެ ބަޖެޓުގައިވެސް ހިމަނާފައި ހުރި ގިނަ ކަންކަމަކީ ހިގަމުން މިދާ އަހަރުގެ ބަޖެޓްގައިވެސް ހިމެނިފައި ހުރި ކަންކަން ކަމުގައި ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާއިރު، 2022 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ 9.7 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެއް ކަމުގައިވެސް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 11.1 އިންސައްތަ.
އަދި މި އަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނި 94 ބިލިއަށް އަރާނެ ކަމުގައި، މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅު ވެފައި ވެއެވެ. މިއާއެކު ދައުލަތުގެ ދަރަނި ޖީ.ޑީ.ޕީގެ ނިސްބަތުން 122 އިންސައްތައަށް އަރައިގެން ދާނެއެވެ.