ފަސޭހަކަމާއެކު ލެސްޓާ ބަލިކޮށް އާސެނަލް ފަސް ވަނައަށް ކުރިޔަށް ޖެހިލައިފި

ފަސޭހަކަމާއެކު ލެސްޓާ ބަލިކޮށް އާސެނަލް ފަސް ވަނައަށް ކުރިޔަށް ޖެހިލައިފި

Author
ޔޫސުފް
30 އޮކްޓޯބަރ 2021 06:56
0

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ ފަސޭހަކަމާއެކު ބަލިކޮށް އާސެނަލް ލީގު ތާވަލްގެ ފަސް ވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.

ޕްރިމިއާ ލީގުގައި މިރޭ އާސެނަލުން ލެސްޓާގެ މައްޗަށް ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ.

ލެސްޓާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އާސެނަލުން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އާސެނަލުން ލީޑު ނެގި ލަނޑު ޖަހާފައިވަނީ އެޓީމަށް ލިބުނު ކޯނަރަކުންނެވެ. މި ލަނޑު ގެބްރިއަލް އާސެނަލަށް ކާމިޔާބުކޮށްދިނީ ބޮލުން ޖަހާ ބޯޅަ ގޯލުގެ އަރިމަތީ ކަނަށް ވައްދާލައިގެންނެވެ. މި ލަނޑަށްފަހުވެސް އާސެނަލުން ދިޔައީ ލެސްޓާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ އަށާރަ ވަނަ މިނެޓުގައި އާސެނަލުން ވަނީ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، އެމިލް ސްމިތްއެވެ. މެޗުގެ ސާޅީސް ތިންވަނަ މިނެޓުގައި ލެސްޓާއިން ވަނީ ލަނޑެއް ޖެހުމާއި ގާތަށް ޖެހިލާފައެވެ. އެގޮތުން އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރ ވަނީ ހުށިޔާރު ކަމާއެކު ދިފާޢުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ލެސްޓާއިން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފައެވެ. ނަމަވެސް އެޓީމުން ލަނޑެއް ޖަހަން ކުރި މަސައްކަތް އާސެނަލްގެ ޑިފެންސް ލައިނުން ވަނީ ހުއްޓުވާފައެވެ. ހާއްސަކޮށް ދެވަނަ ހާފުގައިވެސް އާސެނަލްގެ ކީޕަރގެ ފަރާތުން ފެނިގެންދިޔަ ސޭވްތައް ފާހަގަކޮށްލެވެއެވެ.

ލެސްޓާ އަތުން ހޯދި މުހިއްމު މޮޅާއެކު 10 މެޗުން ލިބުނު 17 ޕޮއިންޓާއެކު އާސެނަލް އޮތީ 5 ވަނައިގައެވެ. މި މެޗުން ބަލިވި ލެސްޓާ ސިޓީ އޮތީ 10 މެޗު ކުޅެގެން ލިބުނު 14 ޕޮއިންޓާއެކު 10 ވަނައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.