ކޯވިޑް ޕެންޑަމިކް ތެރޭގައި އިންޑިއާގައި ދަންޖެހި މަރުވީ މީހުންގެ އަދަދު މަތިވެއްޖެ

ކޯވިޑް ޕެންޑަމިކް ތެރޭގައި އިންޑިއާގައި ދަންޖެހި މަރުވީ މީހުންގެ އަދަދު މަތިވެއްޖެ

Author
ހުސެއިން
30 އޮކްޓޯބަރ 2021 06:35
0

2020 ވަނަ އަހަރުގެ ކޯވިޑް ޕެންޑަމިކް ތެރޭގައި އިންޑިއާގައި ދަންޖެހި މަރުވީ މީހުންގެ އަދަދަށް 10 އިންސައްތަ މަތިވެގެން ގޮސްފައިވާކަމަށް، އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯ (NCRB) އިން އެންމެ ފަހުން އާންމު ކުރި ހިސާބުތަކުން ދައްކައިފިއެވެ.

އިންޑިއާގެ ފުލުހުންގެ ރެކޯޑްތަކުން ނަގާފައިވާ އަދަދުތައް ދައްކާފައިވާ ގޮތުން، 2019ވަނަ އަހަރު 139,123 މީހުން އިންޑިއާގައި އަމިއްލައަށް ދަންޖެހި މަރުވެފައިވާއިރު، 153,052 މީހުން 2020 ވަނަ އަހަރު ވަނީ އަމިއްލައަށް ދަންޖެހި މަރުވެފައެވެ.

2019ވަނަ އަހަރާ އަޅާބަލާއިރު، 2020ވަނަ އަހަރު އިންޑިއާގައި ދަންޖެހުނު މީހުންގެ އަދަދު 8 އިންސައްތަ މަތިވެގެން ގޮސްފައިވާއިރު، މީގެ 5 އަހަރު ކުރިއާ އަޅާ ބަލާއިރު، ކޮންމެ ލައްކައަކަށް ދަންޖެހިފައިވާ މީހުންގެ އަދަދު ވަނީ 11.3 އަށް މައްޗަށް އަރާފައެވެ. 2016 ވަނަ އަހަރުގެ އާބާދީގެ ކޮންމެ ލައްކައަކަށް 10.3 މީހުންވަނީ ދަންޖެހި މަރުވެފައެވެ.

މިގޮތުން 2020 ވަނަ އަހަރު އިންޑިއާގައި ދަންޖެހި މަރުވެފައިވާ މީހުންގެ ދެބައިކޮށްފަ އެއްބައި މީހުންނަކީ އިންޑިއާގެ 5 ސްޓޭޓެއްގައި ދަންޖެހިގެން މަރުވެފައިވާ މީހުންނެވެ.

މީގެތެރޭގައި ހިމެނެނީ، މަހާރާސްތްރާ އިން ދަންޖެހުނު 19,909 މީހުންނާއި، ޓެމިލްނާޑޫއިން ދަންޖެހުނު 16,883 މީހުންނާއި، މަދުޔާ ޕްރަދޭޝްގައި ދަންޖެހުނު 14,578 މީހުންނާއި، ވެސްޓް ބެންގާލް އިން ދަންޖެހުނު 13,103 މީހުންގެ އިތުރުން ކަރުނާޓަކާއިން ދަންޖެހުނު 12,259 މީހުންނެވެ.

ކޯވިޑް ކާރިސާގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތައް ލޮކްޑައުން ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ގިނަ ގައުމުތަކުގައި އާއިލީ މައްސަލަތައްވަނީ އެތައް ގުނައެއް މަތިވެގެން ގޮސްފައެވެ.

2020ވަނަ އަހަރު އިންޑިއާގައި އެންމެ ގިނަ މީހުން ދަންޖެހި މަރުވެފައިވަނީ، އާއިލީ މައްސަލަތަކުގެ އިތުރުން، ކައިވެންޏާއި ގުޅުން ހުރި މައްސަލަތަކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.