ވިކީ ކޯޝަލް އާއި ކެޓްރީނާ ކައިފްގެ ކައިވެނި އަންނަ ޑިސެމްބަރު މަހު އޮންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ކެޓްރީނާ އާއި ވިކީ ލޯބީގެ ގޮތުން ގުޅިހެން އުޅެނީ ވަރަށް ސިއްރުންނެވެ. މި ދެތަރިން ކައިވެނީގެ އަޑު ގަދަވެގެން އުޅެނީ ދާދި މިދާކަށް ދުވަހު ވިކީ ދިން އިންޓަވިއު އަކާއި ގުޅިގެނެވެ.
އިންޓަވިއުގައި ވާހަކަ ދެއްކި އިރު އެދެމެދުގައި އޮތް ސިއްރު ގުޅުމަށް ވިކީ ވަނީ އެއްބަސްވެފައެވެ. އަދި އެންގޭޖު ވުމާއި ގުޅެގޮތުން ވިކީ ބުނެފައިވަނީ ވަގުތު ޖެހުމުން ޖެހުމުން އެކަން ލަހެއް ފަހެއް ނުވާނެކަމަށެވެ.
އެހެން ކަމުން ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި ވިކީ އާއި ކެޓްރީނާގެ ކައިވެނި ވަރަށް އަވަހަށް ފެނިގެންދާނެއެވެ.
އީ ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދެތަރިންގެ ކައިވެނި ބޭއްވުމަށް ހަމަޖެހިފައި ވަނީ ރާޖިސްތާނުގައެވެ. ރިޕޯޓްތައް ބުނާގޮތުގައި އެމީހުންގެ ކައިވެނި އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 7އިން 9އަކަށެވެ. އެހެން ކަމުން އެމީހުންގެ ބިޒީ ޝެޑިއުލުން އެދެވަސްތައް ހުސްކުރުމަށް މަސައްކަތް ކުރަމުން ދާކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ނަމަވެސް ކެޓްރީނާ ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ. އަދި މިފަދަ ވާހަކަތަކެއް ދެކެވެމުން ދަނީ ކީއްވެތޯ ސުވާލުކުރުމުން ކެޓްރީނާ ބުނީ އޭނާގެ ކައިވެނީގެ ވާހަކަ މިފަދަ ގޮތަކަށް ދެކެވެމުން ދާތާ 15 އަހަރު ވެފައި ވާކަމަށެވެ.
މި ދުވަސްކޮޅަކީ ބޮލީވުޑްގެ ތަރިންގެ ކައިވެނީގެ ވާހަކަތަށް ވަރަށް ގަދައަށް ދެކެވެމުން އަންނަ ދުވަސްކޮޅެވެ. އެގޮތުން މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން ރަންބީރާއި އާލިޔާގެ ކައިވެނީގެ އަޑުވެސް ވަނީ ގަދަވާން ފަށާފައެވެ.