މިސަރުކާރުން އޮޑިޓަރ ޖެނެރަލް ރިޕޯޓެއް ނެރެއްވުމުން، ރިޕޯޓު ބަލަިއ ނުގަނެ އޮޑިޓަރ ޖެނެރަލް މަޤާމުން ވަކިކޮށް ފިޔަވަޅު އެޅުމަކީ މިސަރުކާރުން ކުރާނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމަށް ހިންގި ހިޔާ މަޝްރޫގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ކުރީ ސަރުކާރުގައި ހައުސިން މިނިސްޓްރީން އަގު ކަނޑައެޅުމުގައި ގަސްތުގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލާގައި ވާހަކަ ދައްކަވަމުން ޔައުގޫބް އަބްދުﷲ ވިދާޅުވީ ކުރީ ސަރުކާރުން 8 ބިލިޔަން ރުފިޔާއަށް އެޅި ހައުސިން މަޝްރޫއުގެ ތެރެއިން 100 ބިލިޔަން ރުފިޔާއަށް ވީގޮތެއް ނޭގި ގެއްލިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވާކަމަށެވެ. މިއީ އިތުރު ހައުސިން ޔުނިޓެއް އެޅޭވަރުގެ ފައިސާކަމަށް އޭނާ ވިދާޅުވިއެވެ.
އޮޑިޓް ރިޕޯޓްތައް ހާމަ ކުރުމުން މިސަރުކާރާއި މަޖިލީހުގެ ޒިންމާއަކީ އެރިޕޯޓްތައް ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުންކަމަށާއި، ކުރީގެ ވެރިކަމުގައި ކަންކުރި ގޮތަށް ރިޕޯޓް ނެރުމުން އޮޑިޓާރ ޖެނެރަލް ވަކިކޮށް މުއައްސަސަގެ އަގު ވައްޓާލުމަކީ މިސަރުކާރުން ކުރާނެ ކަމެއްނޫންކަމަށެވެ.
ސަރުކާރުން ވެރިކަމަށް އައުމަށްފަހު އެކި ރިޕޯޓް ނެރުއްވައިފި. މަޖިލީހުން ސަރުކާރުން އެކަން ގޯސްކޮށް، އޮޑިޓް ރިޕޯޓާއި، އޮޑިޓް އޮފީހުގެ އަގު ވައްޓައެއްނުލާނެ. އެކަމުގައ އަޅަންޖެހޭ ފިޔަވަޅު އަޅާނެ. ނަމަވެސް ޕީޕީއެމްއާއި ގުޅޭ ރިޕޯޓެއް އައުމާއިއެކު ފެނިގެންދަނީ ސިޔާސީ ރިޕޯޓަކަށް ގޯސްވެ އޮޑިޓަރ ޖެނެރަލް ގޯސްވެ މަޤޢާމުްނ ވަކި ކުރާތަން. މިއީ ތަފާތަކީ.
– ޔައުޤޫބް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ހިޔާ ހައުސިން ޔުނިޓަކަށް ކަނޑައަޅާފައި އޮންނަންވާނެ ސައްޙަ އަގަކީ ޔުނިޓަކަށް މަހަކު 10،419 ރުފިޔާކަމަށާއި، އޭރު ކަނޑައެޅިގޮތަށް މަހަކު 5،600 ރުފިޔާއަށް ހައުސިންގ ޔުނިޓެއް ވިއްކިނަމަ، އެޗްޑީސީއަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ބޮޑުވާނެކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. މި ރިޕޯޓުގައި އެޗް.ޑީ.ސީ އިން މި އަހަރު ކަނޑައެޅި 11،000 ރުފިޔާގެ އަގާއި، ކުރީގެ ސަރުކާރުގައި ހައުސިންގ މިނިސްޓްރީން 2018ވަނަ އަހަރު ކަނޑައެޅި 6،600 ރުފިޔާގެ ހިސާބާއި، މާލޭ ސިޓީ އައު ކައުންސިލުން މި އަހަރު ކަނޑައެޅި 5،548 ރުފިޔާގެ ހިސާބުގެ އިތުރުން ސަރުކާރުން ކަނޑައަޅާފައިވާ 8،500 އެކުލަވާލުމުގައި ގެންގުޅެފައިވާ އަސާސްތައްވަނީ ދިރާސާކޮށްފައެވެ.
މި ރިޕޯޓުގައިވާ ގޮތުން ކުރީގެ ސަރުކާރުން ނިންމާފައިވާ 6،600 ރުފިޔާއާއި މި އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ 6،500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް ނުވަ ބިލިއަން ދުއިސައްތަ ނުވަ މިލިއަން ނުވަ ލައްކަ ހަތްދިހަ އެއް ހާސް ފަސް ސަތޭކަ ތިރީސް ދެ ރުފިޔާގެ ދަރަނި އަރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ހިޔާ މަޝްރޫއަށް ހިނގި ހަރަދުތަކާއި ކުލި ކަނޑައެޅުނު ގޮތާ ގުޅިގެން އާންމުކުރި އޮޑިޓުގައި ބުނީ އެޗްޑީސީން ކުލީގެ ގޮތުގައި ފުރަތަމަ ކަނޑައެޅި 11،000ރ. އަކީ މިފަދަ ހައުސިން މަޝްރޫތަކަށް އާންމުކޮށް ބޭނުންްކުރާ އީއެމްއައި މެތަޑުން މީގެ ފްލެޓަކަށް ޖެހޭ އަގު ކަމަށެވެ. އޭގެ ބަދަލުގައި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން މި ފްލެޓުތަކުގެ ކުލި ކަނޑައެޅީ އެ މިންގަނޑުން ބޭރުން ކަމަށާއި، އެއީ އެ މަޝްރޫއަށް ނެގި ލޯނާއި، ލޯނު ރީފައިނޭންސިން ހަރަދާއި، އިންޓްރެސްޓް ދައްކަން ހިނގާނެ ކޭޝްފްލޯއަށް ރިއާޔަތްނުކޮށް ޖެހި ހިސާބެއް ކަމަށް އޮޑިޓުގައި ފާހަގަކުރިއެވެ.
ހިޔާ މަޝްރޫޢުގެ ހައުސިންގ ޔުނިޓަކަށް މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއާއެކު ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ 8،500 ރުފިޔާކަމަށް ސަރުކާރުން ނިންމާފައިވަނީ މިއަހަރުގެ އޭޕްރީމް މަހުގެތެރޭގައެވެ.
ކޮމެންޓު ފޮނުވާ