3 ނޮވެމްބަރުގެ ޙާދިސާ މަޖިލީހުގެ މެމްބަރުންނަށް ސާފުކޮށްދޭންޖެހޭ: އިހުސާން

3 ނޮވެމްބަރުގެ ޙާދިސާ މަޖިލީހުގެ މެމްބަރުންނަށް ސާފުކޮށްދޭންޖެހޭ: އިހުސާން

Author
މުޙައްމަދު ޖިމީ
02 ނޮވެމްބަރ 2020 12:00
0

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ޢުދުވާނީ ހަމަލާ ރާއްޖެއަށް ދިންގޮތް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ރައްޔިތުންގެ މަޖިލީހުގެ މެންބަރުނަށް ސާފުކޮށްދެއްވުމަށް ސިފައިންގެ ޚިދުމަތުގައި ކުރިން ހުންނެވި ކެޕްޓަން ޢަލީ އިޙްސާން ގޮވާލައްވައިފިއެވެ.

މާދަމާ ފާހަގަކުރާ ނަޞްރުގެ ދުވަހާއި ގުޅިގެން ކެޕްޓަން ޢަލީ އިޙްސާން މިއަދު ކުރެއްވި ޓްވީޓެއްގައި ޑިފެންސް މިނިސްޓަރ މާރިޔާއާއި، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ޓެގްކުރައްވާ ކުރެއްވި ޓްވީޓެއްގައި ވަނީ، ނޮވެމްބަރު 3 ގައި ދިވެހި ފަސްގަނޑަށްޓަކައި ފުރާނަ ދޫކޮށްލި ދިވެހިންގެ ޙައްޤުގައި އަދި ދިވެހި ސިފައިންގެ މުއައްސަސާގެ ހައްގުގައި، އެޙާދިސާ ހިނގައިދިޔަގޮތް، ރެކޯޑަށްޓަކައި މަޖިލީހުގެ ގޮނޑިތަކުގައި ތިއްބެވި މީހުންނަށް ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އިހުސާން މިކަމަށް ގޮވާލައްވާފައިވާއިރު، 2012 ވަނަ އަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހުގެ ރޭ އެމްޑީޕީ އިން ހއ.ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ ތިރީހަކަށް ތަމަޅައިން އައީމަ އެމީހުންނަކީ ހަތިޔާރު އަޅައިގެން ތިބި ބަޔެކޭ ކިޔާފައި ދިވެހި ސިފައިން ފިލިކަމަށެވެ. މިކަމާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އެކަމަނާއަށް އަމާޒުވެގެންވެސް ދިޔައެވެ.

ނަމަވެސް ސަރުކާރު ބަދަލުވެ ޑިފެންސް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެކަމަނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިފައިންނަކީ ރައްޔިތުންގެ އިތުބާރާއި، އިހުތިރާމް ލިބިފައިވާ ބަޔަކަށް ހައްދަވާނެ ކަމަށެވެ. އަދި މިއަދު ސިފައިންނާއި ގުޅޭގޮތުން ރައްޔިތުން ހިއްސާ ކުރާ އިހުސާސްތަކުން ރައީސް ގެ މިވައުދު ފުއްދިއްޖެކަމަށް ޤަބޫލު ކުރެވޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

3 ނޮވެމްބަރުގައި ފާހަގަކުރާ ނަޞްރުގެ ދުވަހަކީ، 1988 ވަނަ އަހަރު ސްރީލަންކާގެ ބާޣީ ޖަމާއަތެއްކަމަށްވާ "ޕްލޯޓް"ގެ މައްޗަށް ދިވެހިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް، ފާހަގަކުރާ ދުވަހެކެވެ. ނޮވެމްބަރު 3 ގެ 18 ގަޑިއިރަށް ދެމިގެންދިޔަ މި ހަމަލާތަކުގައި، ކުށެއްނެތް 11 ދިވެހި ދަރީންނާއި، ދިވެހި ސިފައިންގެ ހިތްވަރުގަދަ 8 ބޭކަލުން ޝަހީދުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.