މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީ ހިތަދުއާއި ގދ. ގައްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފިއެވެ.
ހިތަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހުގެ 23 ވަނަ ދުވަހު ހިތަދޫގައި މަސައްކަތްކުރާ ފުލުހުންނާ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ވަލުތެރެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 126 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
ގައްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށު ރަސްފަންނު ކިޔާ ސަރަހައްދުގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހުގެ 22 ވަނަ ދުވަހު ގައްދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 217 ސެލޯފިންކޮޅު ފެނިފައިވެއެވެ.
މި ދެ މައްސަލައާ ގުޅިގެންވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށާއ، މި ދެ މައްސަލަވެސް ފުލުހުން ތަހުގީގު ކުރަމުން ދާކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ