ޒުވާނުންގެ ދުވަސް ބޮޑު ޚަރަދތަކެއް ކޮށްގެން ފާހަގަ ކުރާވަރަށްވުރެ ޒުވާނުންތިބީ މާހާލުގައި ކަމަށް ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އިއްޔެ ރާއްޖޭގައި ފާހަގަކުރި ޒުވާނުންގެ ދުވަސްވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ. ޒުވާނުންގެ ދުވަހުގެ ދުވަސް ރަސްމީކޮށް ފާހަގަކޮށްފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހިންގި ހަރަކާތްތަކާއި ގުޅޭ ގޮތުން އަލީ ވަހީދު ވިދާޅުވީ ޤައުމުގެ ޒުވާނުންގެ ހާލަތު އޮތީ ވަރަށް ދަށު ހާލަތެއްގައި ކަމަށެވެ. ޒުވާނުންގެ ތެރެއިން އެތައް ޒުވާނަކު މަސްތުވާތަކެތީގެ ވަބަގައި ޖެހިފައިވާއިރު، ޖަލުގައި ހުކުމެއްނެތި ވާނުވާގައި އެތައް ޒުވާނުން ތިބިކަމީ ކަންބޮޑުވުނާ ކަމެއްކަމަށެވެ. މިއަދު ޒުވާނުން ކިޔަވައިގެން މަތީ ސަނަދު ހިފައިގެން ތިބި ކަމުގައި ވީނަމަވެސް ކިޔެވި އެއްޗަކާއި އެއްވަރަށް މުސާރައަ ނުލިބި ޒުވާނުން އުޅެމުންދަނީ ވަރަށް ހާލުގައި ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.
ޒުވާނުންގެ ދުވަސް ބޮޑު ޚަރަދުކޮށް ފާހަގަކުރާ ވަރެއް ނުވޭ! މަސްތުވާތަކެތީގެ ވަބާގައި އެތައް ޒުވާނުންނެއްތިބީ މަގުމަތިވެ ވާނުވާގަ! ހުކުމެއްނެތި ބޭސްފަރުވާ ނުލިބި އެތައް ޒުވާނުންނެއްތިބީ ނުހައްޤުން ޖަލުގަ ވާނުވާގަ! ކިޔެވި ސަނަދަކަށް ދެކޮޅުޖެހޭ މުސާރައެއްނުލިބި ޒުވާނުންތިބީ ވާނުވާގަ!
– އަލީ ވަހީދު ވިދާޅުވިއެވެ.
ޒުވާނުންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ، ޒުވާނުންގެ ދާއިރާއަށް ބަލާއިރު، އެންމެ ދުވަސްވީ މައްސަލައަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން، އެކަމުން ސަލާމަތްކޮށް އަލުން އަނބުރާ މުޖްތަމަޢަށް ގެނައުމުގެ މައްސަލަ ކަމުގައެވެ.
ސަރުކާރުގެ އަމާޒަކީ، އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. އެކަމަށްޓަކައި މުޖުތަމަޢުގައި ތިބެގެން، ފަރުވާ ހޯދޭނެ ވަށާޖެހޭ ޕްރޮގްރާމްތަކެއް ވަރަށް އަވަހަށް ފެށުމަށް މިއަންނަނީ މަސައްކަތް ކުރަމުން.
– ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ ޑްރަގުގެ ހާލަތު މިހާރު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި، ޑްރަގުގެ ވަބާގައި 8 އަހަރުގެ ކުދިންވެސް ޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ހެދި ދިރާސާއަކުން ވަނީ ދައްކާފައެވެ. ފާއިތުވެދިޔަ 2014 ވަނަ އަހަރަށް ބަލާއިރު ޑްރަގުގެ ވަބާގައި ޖެހިފައިވާ މީހުންގެ އުމުރަކީ 22 އާއި 37 އަހަރާއި ދެމެދު ކަމަށާއި ނަމަވެސް މިއަހަރު އުމުރު ފުރާއަށް ބަލާއިރު 17 އަަހަރާއި 68 އަހަރާއި ދެމެދު މީހުން މި ވަބާގައި ޖެހިފައިވާކަމަށް ދިރާސާއިން ދައްކައެވެ.
ކޮމެންޓު ފޮނުވާ