އައްޑޫ ސިޓީ ހަންކެޑެ ވަކިކޮށް، ގައުކެނޑިން މަރަދޫއަށް އަޅާ ބްރިޖުގެ މަސައްކަތް ފަށައިފިއެވެ.
އައްޑޫ ސިޓީ ހަންކެޑެ ވަކިކޮށް، ގައުކެނޑިން މަރަދޫއަށް އަޅާ ބްރިޖުގެ މަސައްކަތުގެ މައިގަނޑު ބޭނުމަކީ ހަންކެޑެގައި ރިޒޯޓެއް ތަރައްގީ ކުރުމަށް މަގުފަހި ކުރުމެވެ. އެ ރިސޯޓް ހިންގަން މަސައްކަތްކުރާތާ މިހާރު 18 ވަރަކަށް އަހަރުވެއްޖެއެވެ. ނަމަވެސް މިހާތަނަށް އެމަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ. ނަމަވެސް ހަންކެޑެގައި ރިސޯޓެއް ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވައުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ. ހަންކެޑެ ބްރިޖަކީ މިއީ ހަތަރު ލޭނު ހިމެނޭހެން، 1.4 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ.
މި ބްރިޖުގު ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު މިވަގުތު ކުރަމުންދަނީ ތަނބު ޖެހުމުގެ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައްކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އައްޑޫ ސިޓީ ކައުންސިލުން މީގެކުރިން ބުނެފައިވަނީ މޮނޯރެއިލް ލޭނަކާއެކު އައްޑޫ ލިންކް ރޯޑް ތަރައްޤީކުރުމުގެ މަސައްކަތަކީ އުއްމީދީ ޕްރޮޖެކްޓެއްކަމަށެވެ. މީގެއިތުރުން އައްޑޫ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ގަން އެއަރޕޯޓުން ހިތަދޫ އޮޑައްސަލާ ހަމައަށް ލިންކްރޯޑް ހަތަރު ލޭނަށް ފުޅާ ކުރުމުގެ ޕްރޮޖެކްޓެއް ވަނީ ރޭވިފައެވެ.
އައްޑޫ މަގުހެދުމުގެ މައިގަނޑު ދެ މަޝްރޫޢެއް ކުރިއަށް އެބަދެއެވެ. އެގޮތުން 1.19 ބިލިއަން ރުފިޔާ ސަރުކާރުން ޚަރަދު ކުރާ އެންމެ ބޮޑު މަޝްރޫޢަކީ މި ބްރިޖު ހިމެނޭ މަޝްރޫޢެވެ. ސަރުކާރުން މިމަސައްކަތް ހަވާލުކޮށްފައިވަނީ ތިލަމާލެ ބްރިޖު ހެދުމުގެ މަސައްކަތްވެސް ހަވާލު ކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏާއިއެވެ. މިއީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކުރެވިފައިވާ މަސައްކަތެކެވެ.
މިމަސައްކަތަށް ބޭނުންވާ ސާމާނު އައްޑޫއަށް މިދިޔަ ސެޕްޓެމްބަރުމަހުގެ ފަހުކޮޅު ވަނީ ގެންގޮސްފައެވެ. އަދި މަސައްކަތް ފެށުމަށް 150 އެއްހާ ލޭބަރުން މިހާރު އައްޑޫއަށް އައިސްފައިވާއިރު މުޅި ޖުމްލަ 600 އެއްހާ ލޭބަރުން މިމަަސައްކަތަށް ބޭނުންވާނެކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކުރެއެވެ.
މިމަޝްރޫޢުގެ ދަށުން އައްޑޫގެ ލިންކް ރޯޑުގެ 3.3 ކިލޯމީޓަރު ރީސާފޭސް ކުރެވި، މުޅިން އަލަށް 27 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެއެވެ. އަދި 67 ކިލޯމީޓަރު މަގުގައި ސިމެންޓް ބޭސް ލޭޔާރ އަޅައި މަގު ހެދުމަށް ވަނީ ނިންމާފައެވެ.
One Response
މީކީ އައްޑޫ ރައްޔިތުން އެކިޔާ ބްރިޖެއް ނޫން. އަދި އައްޑޫ ބްރިޖެއްގެ ވައުދެއް މި ސަރުކާރުން ވެފައެއް ނޯންނާނެ. ތިޔައީ އިނޑިއާ ސިފައިންގެ މަރިކަޒާ ގުޅޭ އޭގެ ބައެއް.