ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗު މުހައްމަދު އާދަމްގެ އެދުމަށް އެ ޓީމަށް އެހީތެރިކަން ފޯރުކޮށްދޭން އީގަލްސްގެ ކޯޗެއްގެ ގޮތުގައި އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގައި ފެނިގެންދިޔަ ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) މަސައްކަތް ފަށައިފިއެވެ.
އެއްޔެ ހަވީރު އޮތް ޔުނައިޓެޑް ވިކްޓަރީގެ ފުރަތަމަ ފަރިތަކުރުންތަކުގައި ސާންތީ ވަނީ ބައިވެރިވާން ފަށާފައެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހުރި ސާންތީ އެންމެ ފަހުން ކޯޗިންގެ މަސައްކަތްކުރީ ބ. އޭދަފުށީ ޓީމުގަ އެވެ.
ޔުނައިޓެޑް ވިކްޓްރީން ބުނީ އެކުލަބުގެ ގޯލްކީޕަރު ޓްރެއިނަރަކީ މުހައްމަދު އިގުބާލް ކަމަށެވެ. އަދި އޭނާ އަށް މި ވަގުތު ބައިވެރިނުވެވެނީ ސިއްހީ ހާލަތުތަން ނުދޭތީ ކަމަށެވެ. ދެން ޔުނައިޓެޑް ވިކްޓްރީގެ ކޯޗިން ޓީމުގައި ހިމެނެނީ ކްލަބް ވެލެންސިއާ އާއި ށ. ފޯކައިދޫގެ އިތުރުން ފ. ނިލަންދޫގައި ކޯޗިންގެ މަސައްކަތްތަކެއްކޮށްފައިވާ ކުރީގެ އެއް ވަނަ ފޯވާޑް އާދަމް އަބްދުއް ލަތީފް (ލައްޗޭ) އެވެ.
ސާންތީގެ އިތުރުން ކުރީގެ މަޝްހޫރު ގޯލްކީޕަރު އިސްމާއިލް ޒަރިޔަންދު ވެސް ވަނީ ބައިވެރިވެފަ އެވެ. ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ބުނީ އެ ދެ މީހުން ބައިވެރިވީ އޭނާގެ އެދުމަށް ކަމަށެވެ.
އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޔުނައިޓެޑް ވިކްޓްރީން ވަނީ ގައުމީ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ އިސްމާއިލް އީސާ (މެސީ) އާއި މުހައްމަދު އާރިފް (ބަކާ)ގެ އިތުރުން ތަޖުރިބާކާރު ޑިފެންޑަރު އިސްމާއިލް ފަރުހާދު (ފަރޭ) އާއި ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) އަދި އަހުމަދު ނިޒާމް (ނިޒާމްބެ)ގެ ސޮއި ހޯދައިފަ އެވެ. ޔުނައިޓެޑް ވިކްޓްރީން ބުނީ އެ ޓީމާ ހަތަރު ބިދޭސީ ކުޅުންތެރިން ގުޅޭނެ ކަމަށެވެ.
އަންނަ ސީޒަނުގެ ޔޫވީގެ ފުރަތަމަ މެޗުގައި އެޓީމު ނުކުންނީ ލީގުގައި މާޒިޔާ ދެކޮޅަށެވެ.