ތިން މަހުގެ ކުއްޖާގެ މަރުގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި

ތިން މަހުގެ ކުއްޖާގެ މަރުގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2021 11:50
0

ގދ.ތިނަދޫން ނިޔާވި ތިން މަހުގެ ތުއްތު ފިރިހެން ކުއްޖާ ރިއުމާންގެ މަރުގެ މައްސަލަ ބަލަމުންދާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ ކުއްޖާގެ މަރާއި ގުޅިގެން މައްސަލައިގެ ތަހުގީގް ކުރިއަށްދާތީ މިކަމުގައި ޝާމިލުވި ޑޮކްޓަރުވެސް ސަސްޕެންޑު ކޮށްފައިވާކަމަށެވެ. އަދި މިކަމުގައި ކުއްޖާއަށް ފަރުވާ ދިނުމުގައި އަބްދުއް ސަމަދު މެމެރޯރިއަލް ހޮސްޕިޓަލުން އަމަލުކޮށްފައިވާ ގޮތް ބަލަމުންދާކަމަށްވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީން މިމައްސަލަ ބަލަމުންދާއިރު، އިއްޔެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރުވެސް ވަނީ މިމައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ. މިމަހުގެ 18 ވަނަ ދުވަހު ތުއްތު ރިއުމާން ނިޔާވެފައިވަނީ ހޮސްޕިޓަލުގެ 100 ޕަސެންޓް އިހުމާލުންކަމަށް ކުއްޖާގެ ބައްޕަ އިއްޔެ ވަނީ ބުނެފައެވެ.

ތިން މަހުގެ ރިއުމާން މަރުގެ ފުރިހަމަ ތަހުގީގެއްކުރުމަށް ސަނީފް ގޮވާލައިފި

އެކުއްޖާގެ ބައްޕަ ބައްޕަ ހަމީދު އުމަރުގެ ފޭސްބުކް ސްޓޭޓަސްގައި މިއަދު ވަނީ ކުއްޖާގެ މަރާއި ގުޅޭގޮތުން ލެޔެފައެވެ. އޭނާ ބުނީ މާ ބޮޑަށް "ލޫސް ސްޓޫލް" ވާތީ އިމަޖެންސީކޮށް އެމްބިއުލާންސް ފޮނުވައި ދިނުމަށް އެދި މިިދިޔަ އާދިއްތަ ދުވަހުގެ ރޭ ފަތިހު 4:00 ހާއިރު ހޮސްޕިޓަލަށް ގުޅި ކަމަށެވެ. އެހެން ނަމަވެސް ފަސް މިނެޓު ވީއިރު ވެސް އެމްބިއުލާންސްގެ ޚަބަރެއް ނުވުމުން، އެ ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދާނެކަމަށް ބުނުމުން، ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ތިބި ބަޔަކަށް ވުމުން ކުއްޖާ ގެންދަން ޖެހޭނީ ކޯވިޑް ފެސިލިޓީ އަށް ކަމަށް ހޮސްޕިޓަލުން އެންގި ކަމަށެވެ.

ނަމަވެސް ކޯވިޑުން ރަނގަޅުވިތާ އޭރު 16-18 ދުވަސް ވެފައިވާ ކަމަށް ހަމީދުގެ ބުނެފައިވެއެވެ. އޭނާ ބުނީ ކުއްޖާ ޑޮކްޓަރަށް ދައްކަން ދާން އެދުމުން ހޮސްޕިޓަލަށް ވައްދަން ދެކޮޅު ހަދައި، ކުޑަކުދިންގެ ޑޮކްޓަރު އަންނާނީ ހެނދުކަމަށް ހޮސްޕިޓަލުން ބުނިކަމަށެވެ.

ނަމަވެސް ހޮސްޕިޓަލުން އެމްބިއުލާންސް ފޮނުވީ ހުއްޓާ ނުލައި ގުޅާތާ ދެ ގަޑިިއިރު ފަހުން ހެނދުނު 6:15 ގައިކަމަށެވެ. އެ އަށް ފަހު، ކޮވިޑް ފެސިލިޓީ އަށް ގެންގޮސް އެއްވެސް ފަރުވާއެއް ނުދީ ވެސް ދޮޅު ގަޑިއިރު ބޭއްވި ކަމަށް ހަމީދު ތުހުމަތުކުރެއެވެ. އޭނާ ބުނިގޮތުގައި، ހެނދުނު 7:40 ވީއިރު ކުއްޖާ ނޭވާ ނުލައި، ހަރަކާތް ހުއްޓުނުކަމަށެވެ. އޭގެ ތިން މިނެޓު ފަހުން ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމެއް ވަރަށް އިމަޖެންސީ ވެލާފައި ދިޔައިރު މާ ލަސްވެފައިވާ ކަމަށް ހަމީދު ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.