ލޯންޗް އަޑިއަށް ގޮސް، ގެއްލިފައިވަނިކޮށް ފެނުނު ދެ މީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެ

ލޯންޗް އަޑިއަށް ގޮސް، ގެއްލިފައިވަނިކޮށް ފެނުނު ދެ މީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެ

Author
ހުސެއިން
16 އޮކްޓޯބަރ 2021 07:05
0

މިއަދު އިރު އޮއްސެމުން ދަނިކޮށް ކަޑުމަތިން ލޯންޗެއް އަޑިއަށް ގޮސް ގެއްލުނު ދެމީހުންވެސް ފެނިފައިވި ނަމަވެސް އޭގެ ތެރެއިން އެކަކު ނިޔާ ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ނިޔާވެފައިވަނީ އުމުރުން 33 އަހަރުގެ، މާލޭ، މ. ގްރީން މަރިޔަމް ނާހިދާ އެވެ. ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި އަންހެން މީހާ ގުރައިދޫ ސިއްޙީ މަރުކަޒަށް ގެންދެވުނު އިރުވެސް ވަނީ ނިޔާވެފައެވެ.

މާލެއިން ފުރައިގެން ވ.އަތޮޅަށް ދަތުރުކުރި ލޯންޗަށް ރާޅު އަރާފައިވަނީ އޮޅުވެލި ރިސޯޓް ކައިރީގައި އޮތްވައެވެ. އަދި ރާޅު އެރުމާއި ގުޅިގެން 3 މީހަކު މޫދަށް ވެއްޓުނުކަމަށް ފުލުހުން ވިދާޅުވެއެވެ.

ލޯންޗުގައި 2 ކުޑަކުދިންނާއެކު 12 މީހުން ތިބިކަމަށާއި، އެ ލޯންޗު މިހާރު މާލެ އަތޮޅު ގުރައިދޫއަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެމްއެންޑިއެފްއިން ވިދާޅުވީ ކޯސްޓްގާޑު ޝަހީދު އަލީ އެރަސަހައްދަށް ދަތުރު ކުރަމުންދާކަމަށެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވުމާއި ގުޅިގެން، މޫސުމާބެހޭ ޤައުމީ އިދާރާއިން ރޭ ދަންވަރުން ފެށިގެން މުޅި ރާއްޖެއަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މި އެލާޓްގެ ވަގުތު 3 ވަނަ ފަހަރަށް އިތުރުކޮށްފައިވާއިރު، ގަޑިއަކު 28 މޭލާއި، 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް މުސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.