ރާއްޖޭގެ ދަނޑުވެރިންނަށް އަމިއްލަ ރަށުގައި ތިބެގެން ދަނޑުވެރިކަން ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ރަށުގައި ދަނޑުވެރިކަން ކުރުމަށް ބިން ނުލިބުން ކަމަށާއި، އެކަމަށް ހައްލު ގެނައުމުގެ މަސައްކަތް ކުރައްވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ތ.ކަނޑޫދޫގައި ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަނޑުވެރިކަމާއި، ކާބޯތަކެތީގެ މުހިންމުކަން ފާއިތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު ތަޖުރިބާ ކުރެވިފައިވާކަށެވެ. ކޯވިޑާއި ގުޅިގެން މުޅި ދުނިޔެ ބަންދުވެ ދަތުރުފަތުރު ނުކުރެވޭ ހާލަތަކަށް ދިޔައިރު، ރާއްޖެފަދަ އިމްޕޯޓަށް ބަރޯސާ ވެފައިވާ ޤައުމަކަށް ދަނދުވެރިކަމުގެ ބޭނުން ތެރިކަން އިހުސާސް ކުރެވުނުކަމަށެވެ.
ރާއްޖޭގެ ދަނޑުވެރިކަން ކުރުމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން ފާހަގަކުރަނީ އަމިއްލަ ރަށުގައި ތިބެ، ނުވަތަ މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަން ކުރުމަށް ބިން ނުލިބުންކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކައި ކައުންސިލްތަކާއި ވާހަކަ ދައްކައިގެން އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދަނޑުވެރިކަން ފުޅާކޮށް، ދަނޑުވެރިންނަށް ފަހި ގޮތްކަށް ތަނަވަސް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްކަށް އަލި އަޅުވާލަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަނޑުވެރިން އުފައްދާ ތަކެތި ބާޒާރަށްނެރި އެއަށް އެކަށީގެންވާ އަގެއް ހޯދުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި އުފައްދާ ތަކެތި ބަރާބަރަށް ލިބޭނެ ގޮތަކަށް ދަނޑުވެރިންގެ މަސައްކަތްވެސް ބައްޓަންވެގެންދާނޭހެން ކަންކަން މިއަދު ފަހިވެގެންދާކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
އެގޮތުން ސަރުކާރުން އެގްރޯނެޓްގެ ނަމުގައި އުފެއްދި ކުންފުންޏަކީ ދަނޑުވެރިންނަށް ފަސޭހަ ކަމާއިއެކު އުފައްދާ ތަކެތި ވިއްކޭނެ ގޮތް ހެދުންކަމަށެވެ. އަދި ރިސޯޓްތަކަށާއި، ކަސްޓަމަރުންނަށް ބޭނުންވާ މިންވަރަށް އުފައްދާ ތަކެތި ލިބޭނެ ގޮތް ހެދޭނެ އިންތިޒާމު މިއަދު ފަސޭހައިން ހަމަޖެހިފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރިސޯޓްތަކުން ބޭނުންވަނީ ޔަގީންކަމާއިއެކު ގަންނަން ބޭނުންވާ ތަކެތި ހޯދައިދިނުން. ދަނޑުވެރިން ބޭނުންވަނީ އުފައްދާ ތަކެތި ވިކޭނެ ގޮތެއް ހޯދައިދިނުން. ސަރުކާރުން ދަނީ އެކަމަށް ގޮތަތްކެއް ހޯދައި ދިނުން. އެގްރޯނެޓްގެ ކުންފުނީގެ ބޭނުމަކީ އެއީ، ދަނޑުވެރިން އުފައްދާ ތަކެތި އެކަށީގެންވާ އަގެއްގައި ވިއްކޭނެ މަގެއް ހޯދުން. އެގްރޯނެޓްގެ ފަރާތުން މިހާތަނަށް 516 ދަނޑުވެރިންނާއިއެކު ކޮންޓްރެކްޓް ހެދި، 68 ފަރާތެއްގެ ތަކެތި ދަނީ ގަނެ ބާޒާރަށް ނެރެމުން. ހަމަ މިއާއިއެކު އެސްޓީއޯއިންވެސް ވަނީ 400 ފަރާތަކާއި ކޮންޓްރެކްޓް ކުރެވި، 60 ފަރާތެއްގެ ތަކެތި ގަނެ މާކެޓަށް ނެރެމުން.
– ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރަމުން އަންނަ ކުދި ޤައުމުތަކުންވެސް ކުރަމުންދާ އުސޫލުން ކުރުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ވާޓިކަލް ފާމިންއާއި، ހައިޑްރޯޕޯމިކް ފާމިން ތަޢާރަފްކޮށް އެފަދަ ގޮތަކަށްވެސް ދަނޑުވެރިކަން ކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ