އަތޮޅުތެރޭގެ 17 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އާ އެމްބިއުލާންސް ރޭ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށްތަކުގެ މަންދޫބުންނާ އެމްބިއުލާންސްތަކުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ މިނިސްޓަރު ގީލާ އަލީ އެވެ.
ރޭ ހަވާލުކުރި އެމްބިއުލާންސްތަކަކީ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި އެމްބިއުލާންސްތަކުގެ ބަދަލުގައި އަލަށް ހޯދި އެއްޗެހި ކަމަށް މިނިސްޓްރީން ބުންޏެވެ. މިއީ އަތޮޅުތެރޭގެ 31 ރަށަކަށް އެމްބިއުލާންސް ހޯދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޕީއެލްއާ ހަވާލުކުރި މަޝްރޫއުގެ ދެވަނަ ބެޗެވެ. މުޅި ޖުމްލަ 31 އެމްބިއުލާންސުގެ އަގު 36.2 މިލިއަން ރުފިޔާއަށް އަރަ އެވެ.
އެ މަޝްރޫއުގެ ފުރަތަމަ ބެޗުގެ 14 އެމްބިއުލާންސް މި އަހަރު މާޗް މަހު ރަށްރަށަށް ފޮނުވާފައިވާއިރު، ރޭ ހަވާލުކުރި 17 އެމްބިއުލާންސާ އެކު، މި ސަރުކާރުން މިހާތަނަށް ޖުމްލަ 87 އާ އެމްބިއުލާންސް ރަށްރަށާ ވަނީ ހަވާލުކޮށްފަ އެވެ.
ރޭ އެމްބިއުލާންސް ހަވާލުކުރި ރަށްތަކުގެ ތެރޭގައި ށ. ކޮމަންޑޫ، ށ. ފޮއްދޫ، ނ. ހެނބަދޫ، ބ. ދަރަވަންދޫ، ބ. ފުޅަދޫ، ބ. ދޮންފަނު، ޅ. އޮޅުވެލިފުށި، ވ. ފުލިދޫ، ވ. ކެޔޮދޫ، މ. ވޭވަށު، އއ. ބޮޑުފޮޅަދޫ، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. ދަނގެތި، ލ. ފޮނަދޫ، ގއ. ކޮނޑޭ އަދި ގދ. ވާދޫ ހިމެނެ އެވެ.
މީގެ އިތުރުން، މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ހިދުމަތް ދިނުމަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް މި އަހަރުގެ ތެރޭގައި ގެނެސް، އެ ހިދުމަތް ފެށޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެމްބިއުލާންސްގެ ހިދުމަތް މެދުކެނޑިފައިވާ އިތުރު ހަތަރު ރަށަކަށް ބޭނުންވާ އެމްބިއުލާންސް ވެސް މި އަހަރު ގެނެސް ހަވާލުކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ކޮމެންޓު ފޮނުވާ