ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ކިޔަމަންގަތުމަކީ ސުވަރުގެ ދެވެންއޮތް މަގެއްކަމަށް ބަޔާންކުރައްވާ އެކަލޭގެފާނުދެކެ ލޯބިނުވާ މީހާގެ އީމާންކަން ފުރިހަމަނުވާނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ދެކެ ލޯބިވުމުގެ މައްޗަށެވެ. ޚުޠުބާގައި ވިދާޅުވީ، ދުނިޔޭގެ ތާރީޚު ލިޔުއްވާ މުއައްރިޚުން ފާހަގަކުރައްވާ ގޮތުގައި، އިންސާނުން އަޚްލާޤީ ގޮތުންނާއި، ދީނީގޮތުން އެންމެ ދަށުދަރަޖައަކަށް ވެއްޓިފައިވީ ދުވަސްވަރަކީ، މީލާދީ ގޮތުން ފައްސަތޭކައިގެ އަހަރުތައްކަމަށެވެ. އެދުވަސްވަރުގެ މުޖުތަމަޢު ތަކުގައި އަރައިނުގަންނަ ފާފައެއް ނެތްކަމަށާއި، ނުކުރާ ހަޑިމުޑުދާރު ޢަމަލެއްވެސް ނެތްކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އަޅުކަން ކުރުން ޙައްޤުވެގެންވާ އިލާހުގެ ޙަޤީޤީ މަޢުރިފާވެރިކަން ވަނީ ގެއްލި އުވިގޮސްފައިކަމަށާއި، އަޅުކަން ކުރަނީ އަމިއްލަ އަތްތަކުން ކޮށާމަށައިގެން އަމިއްލައަށް
އުފައްދާ ބުދުތަކަކަށްކަމަށްވެސް ވިދާޅުވިއެވެ.އަދިި ގަސްގަހާގެއްސަށާއި ކޯރުކޯރަށާއި އަލިފާނަށްކަމަށްވެސް ވިދާޅުވިއެވެ.
މިފަދަ ދަށުދަރަޖައަކަށް އިންސާނިއްޔަތު ވެއްޓިފައި ވަނިކޮށް، ކޯފާގެ މިފުން އަނދަވަޅުން އިންސާނީ ނަޢު ސަލާމަތް ކުރެއްވުމަށްޓަކައި، މާތް ﷲ އިޚްތިޔާރު ކުރައްވައި، ފޮނުއްވި މާތް ރަސޫލު ބޭކަލަކީ، މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އެވެ. އެކަލޭގެފާނު ފޮނުއްވީ ރަޙްމަތެއްގެ ގޮތުގައެވެ. ހިދާޔަތުގެ މަގަށް އަލިކުރާ ވޮށެއްގެ ގޮތުގައެވެ.
– ހުކުރު ޚުޠުބާ
ހުކުރު ޚުޠުބާގައި ވަނީ، މާތްވެގެންވާ އިސްލާމް ދީނާއިގެން ވަޑައިގެންނެވި މާތް ސާހިބާ، މުޙައްމަދު صلى الله عليه وسلم އަކީ ތަޤްވާވެރިންގެ އިމާމެއްކަމަށް ބަޔާންކުރައްވާ އެންމެހައި އާދަމުގެ ދަރިންގެ މައްޗަށް މާތްކުރައްވައި، ޚާލިޤުވަންތަ މާތް ﷲ ގެ ޙަޟްރަތުން ހޮއްވަވައި، ޚިޔާރުކުރައްވާފައިވާ ރަސޫލުކަމާއި ނަބީކަން ޚަތިމު ކުރެއްވި މާތް ސާހިބާކަމަށް ވިދާޅުވެފައެވެ. އެއީ ޤިޔާމަތް ދުވަހުން ޙަމްދުލިބިގެންވާ މަތިވެރި މަޤާމުގެ ވެރި އަދި ޙައުޟޭ ކިޔުނު ފެންއާރުގެ ސާހިބާކަމަށާއި، މަޙްޝަރުގެ މައިދާނަށް ޚަލްޤުތަކުން ފޮނުއްވި، މީސްތަކުން އަލުން ދިރުއްވޭ ދުވަހު އެބޭކަލަކަށްޓަކައި އެންމެ ފުރަތަމަ ބިންގަޑު ފެޅިގެންދާނީ އެކަލޭގެފާނަށްކަމަށް ވިދާޅުވިއެވެ. އަދި އެބޭކަލަކަށްޓަކައި ސުވަރުގޭގެ ދޮރުކޮޅު އެންމެ ފުރަތަމަ ހުޅުވި އެންމެ ފުރަތަމަ ސުވަރުގެއަށް ވަދެވަޑައިގަންނަވާނީ ވެސް އެކަލޭގެފާނުކަމަށް ބަޔާންކުރެއްވިއެވެ.
ލޮބުވެތި މުސްލިމް އަޚުންނޭވެ! ކައުއިތުރު މާތް ނަބިއްޔާ ﷲ އަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެކެވެ. އަދި އެކަލޭގެފާނަށް ކިޔަމަންގަތުމާއި، އެކަލޭފާނުގެ މަތިވެރި މަޤާމަށް ޤަދަރުކޮށް، އަދަބުތަޢުޡަމް އަދާކުރުމަކީ އިސްލާމް ދީނުގެ އެންމެ ބޮޑެތި ވާޖިބުތަކުގެ ތެރެއިން ހިމެނޭ ވާޖިބެކެވެ. އެމީހެއްގެ އަމިއްލަ ނަފްސާއި، މުދަލާއި، އަނބިދަރީންނަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަ ނުވާނެއެވެ.
– ހުކުރު ޚުޠުބާ
ޚުޠުބާގައި ވިދާޅުވީ އިސްލާމްދީނާއި މާތް ނަބިއްޔާ ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއްކަމަށެވެ. މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުންކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވަނީ، ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ކިޔަމަންގަތުމަކީ ސުވަރުގެ ދެވެންއޮތް މަގުކަމަށްވެސް ބަޔާންކުރައްވާ އެކަލޭގެފާނުދެކެ ލޯބިވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ