އަންން އަހަރަށް އޮޑިޓް އޮފީހަށް 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

އަންން އަހަރަށް އޮޑިޓް އޮފީހަށް 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
14 އޮކްޓޯބަރ 2021 03:58
0

އަންނަ އަހަރަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާއި ވަކިން ފާސްކުރާ ބަޖެޓެކެވެ. އޮޑިޓް އޮފީހަށް ދިނުމަށް 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ކޮމިޓީން މިއަދު ފާސްކޮށްފައިވާއިރު، އެ އޮފީހުން ފުރަތަމަ އެދުނީ 118 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީއާއި މާލިއްޔަތު ކޮމިޓީން މަޝްވަރާކުރުމަށްފަހު އެ އޮފީހުން އެދިފައިވަނީ މާބޮޑު ބަޖެޓެއްކަމަށް ވަނީ ނިންމާފައެވެ.

އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކުރުމަށް މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ، އޮޑިޓު އޮފީސް ހިންގުމަށް ހަރުމުދަލުގެ ގޮތުގައި 60.3 މިލިއަން ރުފިޔާއާއި، ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމަށް 30 މިލިއަން ރުފިޔާ ކަންޑައެޅުމަށް ހުށައަޅުއްވާފައެވެ. އިލްޔާސްގެ މި ހުށައެޅުމަށް ތާޢީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.

މި ހުށައެޅުން ކޮމިޓީން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

އޮޑިޓް އޮފީހަށް މިއަހަރު ކަނޑައަޅާފައިވަނީ 81 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.