ރައްޔިތުން ބިކަ ހާލުގައި ދިރިއުޅޭއިރު، މެންބަރުން އިއްޒަތް ނުލިބިގެން އިއްޒަތޭ ކިޔައިގެން ވާހަކަ ދައްކަން ލަދުގަންނަންޖެހޭކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
ބޮންޑެ މިހެން ވިދާޅުވެފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިއްޒަތްތެރި މެމްބަރުން ކިޔާއިރު، އިއްޒަތްތެރިކަން ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ފާޅުކުރައްވަމުން ގެންދިއުމާއި ގުޅިގެންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ބޮންޑެ ވިދާޅުވީ، ދިވެހިރާއްޖޭގެ ނިޒާމް ބަދަލުވާންޖެހޭކަމަށާއި، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބޭ މެންބަރުންގެ ކަންކަން ނުނިންމިގެން އުޅޭތަން ފެންނަމުންދާކަމަށެވެ. އަބަދުވެސް ފެންނަނީ މެންބަރުންނަށް އިއްޒަތް ނުލިބިގެން އުޅޭތަންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަގީގަތުގައި އިއްޒަތް ލިބެންޖެހޭނީ ރައްޔިތުންނަށް ނޫންތޯ؟ ރައްޔިތުންނަށް އިހްތިރާމެއް ނެތް އެކަމަކު މެންބަރުންނަށް އިހްތިރާމް އޮންނަ މެންބަރުންނަށް އިއްޒތްތ ލިބޭ. މަގުމަތީގައި ބިއްޖެހިފަ ރައްޔިތުން އެހާ ބިކަ ހާލުގައި ތިބޭއިރު އަޅުގަނޑުމެން އިއްޒަތޭކިޔައިގެން ލަދުގަންނަން ޖެހޭނެ. ހަމަ ގައިމުވެސް އަޅުގަނޑު ލަދުގަނޭ. އަދި ޢާންމު ޕަބްލިކް ޚިދުމަތްދޭ ތަނަކަށްގޮސް ކަމެއްގެ ޚިދުމަތަށް އެދޭއިރުގަވެސް ރައްޔިތުން ގަންނަވާލަފަ ގޮސް ކުރިމަތީގައި ހުރުމަކީ އެއީ ލަދުވެތިވާންޖެހޭ ކަމެއް އިނގޭތޯ؟"
– މާފަންނު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
މިހާރުވެސް މަޖިލީހުގެ ކޮމިޓީތަކުގައި އެތައް މަސައްކަތެއް ހުރިނަމަވެސް މަޖިލީހުގައި މަސައްކަތް ކުރަމުން ނުދާކަމަށް ބޮންޑެ ވިދާޅުވިއެވެ. އެގޮތުން މަޖިލީހުގައި މަސައްކަތެއްކުރާތަން ފެނިވަޑައި ނުގަންނަވާކަމަށާއި، އަހަރެއް ވެފައިހުރި ބިލްވެސް ހުރިކަން ބޮންޑެ ފާހަގަކުރެއްވިއެވެ. އެގޮތުން ބިނާވެށީގެ ބިލްވެސް މަޖިލީހުގައި ޕާކްކޮށްގެން މެންބަރުން އޭގެމަތީ އިށީނދެގެން އިނީކަމަށް އޭނާ ސިފަކުރެއްވިއެވެ.
ކޮމިޓީ މަރުހަލަގައި ފިއްތައިގެންނޭ ތި ތިބެނީ. އެވާހަކައޭ މިދަންނަވަނީ. ބިލެއް ޤާނޫނެއް އޮތްކަންވެސް ނޭނގޭ ތިބޭފުޅުންނަށް. ސަރުކާރުން ބިލް ފޮނުވައިފި. ރައްޔިތުން ތިބީ ބިލްތަކައި ގުޅިގެން އިންތިޒާރުގަ.
– މާފަންނު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
ބޮންޑެ މިފަދައިން ވާހަކަފުޅު ދައްކަވާފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިހާރު ކުރިއަށްދާ ސާފް ޗެންޕިއަންޝިޕްގައި ވީއައިޕީގައި ތިބެގެން މެޗު ބެލޭނެ އިންތިޒާމު ހަމަނުޖެހޭތީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވަނިކޮށެވެ. ބަރުންގެ ވަޓްސްއެޕްގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި އިކްރާމް ވިދާޅުވީ މެމްބަރުންނަށް ފަސޭހަ އިންތިޒާމެއްގެ ތެރެއިން ޓިކެޓް ގަންނަން ޖެހޭ ގޮތަށް އޮތުން ރަނގަޅު ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މެމްބަރުންނަށް ރަނގަޅު ހިސާބަކުން ގޮނޑި ރިޒާވްކޮށް ވީއައިޕީ ދޮރުން ވަދެވޭނެ އިންތިޒާމް ވެސް ހަމަޖެހެން ޖެހޭ ކަަމަށް ވިދާޅުވިއެވެ.
އިކްރާމްގެ މިފަދަ ޝަކުވާތަކެއްހުރި އިރު މެމްބަރުން އިންތިޚާބުކުރި ރައްޔިތުން ދިގުކިއުގައި އިއްޔެވެސް ވަނީ އެތައް ގަޑިއިރުވަންދެން ތިބެގެން ޓިކެޓް ގަނެފައެވެ. ނަމަވެސް މިކަމާއި ރައްޔިތުން އަޑު އުފުލުމުން އެއްވެސް މެމްބަރަކު މިކަމާއި މެދު އެއްޗެއް ބުނެފައިނުވެއެވެ. އިކްރާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިއްޒަތް ދިނުމަށް ގަވާއިދާއި އުސޫލްތަކަށް ބަދަލު ގެންނަން ޖެހޭނެ ކަަމަށެވެ. މީގެ ކުރިންވެސް އިކްރާމް ވިދާޅުވެފައިވަނީ ގަވާއިދުގައި ލިއެގެން އެކަކު އަނެކަކަށް "އިއްޒަތްތެރި" ކިޔަން މަޖުބޫރު ކުރުވާފައިވީ ނަމަވެސް ރާއްޖޭގެ މަޖިލިސް މެމްބަރުންނަށް ހަގީގީ މާނައިގައި އިމްތިޔާޒު ނުލިބޭ ކަމަށެވެ. ގާނޫނުގައި ލިއެފައި އޮންނަ "އިއްޒަތްތެރި" ކަމުގެ އިހްސާސް ބޭރު ތެރޭގައި ކުޑަކޮށް ވެސް ނުވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ