ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލް މެޗުގައި އާދީއްތަ ދުވަހުގެރޭ ފަހަތުން އަރައި ސްޕެއިން ބަލިކޮށް، ފްރާންސުން ޗެމްޕިއަންކަން ހޯދައިފިއެވެ.
އިޓަލީގެ ސެން ސިރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލު މެޗު ފްރާންސުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. ފޯރި ގަދަ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރު ވިއިރު، މެޗުގެ ތިން ގޯލު ވެސް ފެނުނީ ދެވަނަ ހާފުގައެވެ.
އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ސްޕެއިނުންނެވެ. މެޗުގެ 64 ވަނަ މިނެޓުގައި ސާޖީ ބުސްކެޓްސް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިކޭލް އޮޔާޒަބާލެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ފްރާންސުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ކީލިއަން އެމްބާޕޭގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާއެވެ. އަދި މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ތެއޯ ހެނާންޑޭޒް ދިން ބޯޅަ އެމްބާޕޭ ވަނީ ލަނޑެއް ޖަހައި، މި މެޗުން ފްރާންސް މޮޅުކޮށްދީފައެވެ.
މި ލަނޑު ޖެހިއިރު އެމްބާޕޭ އޮފްސައިޑުގައި ހުރި ކަމަށް ސްޕެއިނުގެ ކުޅުންތެރިން އެޕީލްކުރި ނަމަވެސް، އެމްބާޕޭއަށް ބޯޅަ ލިބުމުގެ ކުރިން ސްޕެއިނުގެ އެރިކް ގާސިއާގެ ފައިގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ނިންމީ އެއީ ރަނގަޅު ލަނޑެއް ކަމަށެވެ. މި މޮޅާއެކު ފްރާންސުން މި ފަހަރުގެ ނޭޝަންސް ލީގުގެ ޗެމްޕިއަން ހޯދިއިރު، މިއީ ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕަށްފަހު އެ ޓީމުން ހޯދި ފުރަތަމަ ކާމިޔާބީއެވެ. މި ދެ ކަމިޔާބީވެސް ފްރާންސުން ހޯދާފައިވަނީ ޑިޑިއޭ ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުންނެވެ.
ސްޕެއިން ބަލިކޮށް ފްރާންސުން ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، މި މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ބުދަ ދުވަހުގެރޭ އިޓަލީ ވަނީ ބެލްޖިއަމް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.