ޝަމީމްގެ ތަޢުރީފް ޕީޖީގެ ވަކީލުންނަށް، ހުކުމަކަށްފަހު ހުކުމެއް!

ޝަމީމްގެ ތަޢުރީފް ޕީޖީގެ ވަކީލުންނަށް، ހުކުމަކަށްފަހު ހުކުމެއް!

Author
މުޙައްމަދު ޖިމީ
04 އޮކްޓޯބަރ 2021 07:02
0

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުން ކެތްތެރިކަމާއެކު ކުރައްވާ މަސައްކަތްޕުޅަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ތަޢުރީފް ކުރައްވައިފިއެވެ.

ޕީޖީގެ ވަކީލުންނަށް ތަޢުރީފް ކުރައްވާފައިމިވަނީ، ދަށު ކޯޓުން ކުށް ސާބިތު ނުވާކަމަށް ހުކުމްކޮށްފައިވާ ބައެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ހައި ކޯޓުން މިއަދު ކުރި ޙުކުމާއި ގުޅިގެންނެވެ. އެއީ މީގެ 10 އަހަރު ކުރިން 2011 ވަނަ އަހަރުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި އަހުސަން ބަޝީރުގެ މަރުގެ މައްސަލާގައި ދައުވާކުރި ދެމީހުން ސަލާމަތްވެފައިވަނިކޮށް، އަހުސަން މަރުމަތީގައި އޮވެ ބުނި ބަހަށް ރިޔާއަތްކޮށް ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ހައި ކޯޓުން މިއަދު ހުކުމް ކުރުމާއި ގުޅިގެންނެވެ.

ޕީޖީ ޝަމީމް ވިދާޅުވީ، ހުކުމަކަށްފަހު ހުކުމެއްކަމަށާއި، އެއީ ޕީޖީގެ ވަކީލުން ކެތްތެރިކަމާއެކު ކުރައްވާ މަސައްކަތްތަކުގެ ނަތީޖާކަމަށެވެ.

މީގެ ދިހަ އަހަރު ކުރިން 2011 ވަނަ އަހަރުގެ އޭޕްރީލް މަހު މަޖީދީ މަގުގައި ތޫނުއެއްޗަކުން ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރުގެ ކަރަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާކޮށްފައިވާ ދެމީހުންނަކީ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި މއ. ވީނަސްތަރި، ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށެވެ. އެދެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް 2014ގައި ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައިވެއެވެ.

އަހުސަން ބޝީރުގެ މަރުގެ މައްސާލގައި ހައި ކޯޓުން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް (ޑައިން ޑިކްލަރޭޝަން) ނުވަތަ މަރުމަތީގައި އޮވެ ބުނި ބަހަށް ރިޔޢަތްކޮށް ކުށް ސާބިތުވާކަމަށް މިއަދު ޙުކުމްކޮށްފައެވެ. ނަމަވެސް މި މައްސަލާގައި ހުކުމް އިއްވުމުގެ ކުރިން އަހްސަން ބަޝީދރުގެ ވާރިސިންގެ ބަސް ހޯދަން ޖެހޭތީ އެދެމީހުންގެ މައްޗަށް އަދަބު ކަނޑައަޅާފައެއް ނުވެއެވެ. ކޯޓުން ވަނީ މިހާރު ދޫވެފައިވާ ޝިމާޒްގެ އަދަބާ މެދު ގޮތެއް ނިންމެންދެން 10ދުވަހަށް އޭނާ ހައްޔަރުކުރުމަށްވެސް ޢަމުރުކޮށްފައެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ އަނެއް މީހާކަމަށްވާ ޝަހުމަކީ މަރުގެ އެހެން މައްސަލައެއް ސާބިތުވެ މިހާރުވެސް ޢުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒްކުރަމުންދާ މީހެކެވެ. އޭނާ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒްކުރަމުން ދަނީ، 2010 ވަނަ އަހަރު ޔޫތް ސެންޓަރު ކައިރީގައި އޮތް ފުޓްބޯޅަ ދަނޑެއްގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރާލި މައްސަލާގައެވެ.

މިމައްސޅާގައި މިއަދު އޮތް ޝަރީޢަތުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުރެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ހުކުމް އިއްވަވަމުން ވިދާޅުވެފައިވަނީ އަހުސަން ބަޝީރަށް ހަމަލާދިނީ ޝަހުމް ކަމަށް ހެކިން ބުނެފައިވާއިރުު، ޝަހުމް ގޮވައިގެން ސައިކަލު ދިޔައީ ޝިމާޒް ކަމަށް ހެކިން ބުނެފައިވާކަމަށެވެ. ހެކިންގެ ބަހުގައި ފުށުއެރުންތައް ހުރި ކަމަށް ދަށު ކޯޓުން ބުނެފައިވީނަމަވެސް، އެ ފުށުއެރުންތަކަކީ ހެކިވެރިން އެތަނުގައި އުޅުނު ގޮތުން ހުރި ކުދިކުދި ތަފާތުތަކެއް ކަމަށާއި އެއީ އާދަޔާ ޚިލާފް ކަމެއް ނޫން ކަމަށް ފަނޑިޔާރު ނިޔާޒް މިއަދު ވިދާޅުވިއެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވީ އަހުސަން ބަޝީރަށް ހަމަލާދިނީ ޝަހުމާއިި ޝިމާޒްކަމަށް އޭނާ މަރުވުމުގެ ކުރިން ހޮސްޕިޓަލްގައި އޮވެގެން ބައެއް މީހުން ގާތު ބުނެފައިވާކަން ބައެއް މީހުން ދަށު ކޯޓުގައި ހެކިބަސް ދީފައިވާކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައިވެސް އަހުސަން އެހެން ބުނިކަމަށް ހެއްކަކު ބުނެފައިވެއެވެ.

ފަނޑިޔާރު ވަނީ މަރުގެ ތުންފަތްމަތީގައި އޮވެ މީހަކު ދޮގެއް ނުހަދާނެކަން ފާހަގަކުރައްވާ، މަރުން ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް މީހަކު އޭނާގެ މަރާ ގުޅޭގޮތުން ދައްކާ ވާހަކަ ކޯޓުތަކުން ބަލައިގަނެވޭނެ ކަމަށް ގިނަ ގައުމުތަކުގައި ބަލަމުން އަންނަކަމަށް ވިދާޅުވެފައެވެ. ފަނޑިޔާރު ވަނީ ހިއަސޭ އެވިޑެންސް ބަލައި ގަނެވޭނެކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.