އޮކްޓޫބަރު 3، ޤައުމީ ފަތުރުވެރިކަމުގެ ދުވަސްކަމަށް ރައީސް އިއުލާންކުރައްވައިފި

އޮކްޓޫބަރު 3، ޤައުމީ ފަތުރުވެރިކަމުގެ ދުވަސްކަމަށް ރައީސް އިއުލާންކުރައްވައިފި

Author
މުޙައްމަދު ޖިމީ
03 އޮކްޓޯބަރ 2021 10:08
0

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހަކީ ރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ގުނަން ފެށުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ގުނަން ފަށާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހެއްގެ ގޮތުގައި ވަކި ދުވަހެއް މިހާތަނަށް ކަނޑައެޅިފައިނުވާކަމަށެވެ. ރާއްޖޭގައި ފާހަގަކުރަމުންދަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސްކަމުގައިވާ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަސްކަމަން ފާހަގަކުރައްވަމުން ރައީސް ވަނީ، ފުރަތަމަ ރިސޯޓެއް ހުޅުވުނު ދުވަހަކީ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ކަނޑައަޅަން ނިންމެވީކަމަށެވެ. އަދި އެއީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ރިސޯޓުގައި ހުންނަވައިގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުރުނބާ ވިލެޖްގެ ނަމުގައި މި ރިސޯޓް ހުޅުވުނު ދުވަސް، 3 އޮކްޓޫބަރު، ކޮންމެ އަހަރަކުވެސް ދިވެހިރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް.

– ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

ބައިގަރުނާއި ދިމާލަށް ދިވެހި ފަތުރުވެރިކަމުގެ ސިނާޢަތް މިސްރާބު ޖަހާފައިވާއިރު، މިވޭތުވެދިޔަ ދުވަސްތަކުގައި ދިވެހިރާއްޖެ މިވަނީ ފަތުރުވެރިކަމުގައި ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލުގެ ޝަރަފު ހޯދާފައެވެ. އަދި އޭގެ އިތުރުންވެސް އެތައް އެވޯޑަކާއި ޝަރަފެއް 49 އަހަރު ތެރޭ ރާއްޖެ ވަނީ ހާސިލުކޮށްފައެވެ.

މިއާއިއެކު ރާޢްޖޭގެ އިޤްތިޞާދު އެއް ސިނާޢަތަކަށް ބަރޯސާވާ ސިނާޢަތަކަށް ފަތުރުވެރިކަން މިވަނީ ވެފައެވެ. އިޤްތިޞާދަށް އަންނަ ކޮންމެ ލޮޅުމަކާއި ފަތުރުވެރިކަން މިވަނީ ގުޅިލާމެހިފައެވެ. މިކަން އެންމެ ބޮޑަށް ހާމަވެގެން ދިޔައީ މުޅި ދުނިޔެ އެކަމަކާއި ކުރިމަތިލާން ޖެހުނު ކޯވިޑް-19ގެ ވަބާގެ ތެރެއިންނެވެ.

ކޯވިޑުގެ ވަބާގެ ތެރެއިން ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރު މާރިޗުމަހުގެ 27 ވަނަ ދުވަހު ބަނދުވިއިރުވެސް، ކޯވިޑުގެ ސަބަބުން ފަތުރުވެރިންގެ އަދަދުތައް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. އޭރު އަހަރުގެ ފުރަތަމަ ދެމަހު ދޮޅު ލައްކައަށް ވުރެ މަތީގައި ހުރި ފަތުރުވެރިންގެ އަދަދު މާރިޗު މަހު 59،000 އަށް ތިރިވެގެން ދިޔައެވެ. އަދި މާރިޗުމަހުގެ ފަހުކޮޅު ބޯޑަރު ބަނދުވުމާއެކު ރާއްޖެއަށް ފަތުރުވެރިން އައުން އެއްކޮށްހެން ހުއްޓިގެން ދިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.