އެމްއެންޕީގެ ނާއިބް ރައީސްކަމަށް އަބްދުﷲ ރިޔާޒު ކުރިމަތިލައްވައިފި

އެމްއެންޕީގެ ނާއިބް ރައީސްކަމަށް އަބްދުﷲ ރިޔާޒު ކުރިމަތިލައްވައިފި

Author
މުޙައްމަދު ޝަޒައިމް
03 އޮކްޓޯބަރ 2021 01:21
0

ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ޖަލްސާގައި ހޮވާ މަޤާމުތަކުގެ ތެރެއިން އެޕާޓީގެ (މެދު ދެކުނު) ނާއިބް ރައީސްކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރިމަތިލުމަށް ނިންމައިފިއެވެ.

އެމްއެންޕީގެ ކައުންސިލަށް 21 މެމްބަރުން ހޮވާއިރު މީގެ ތެރެއިން 7 ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. ޒުވާނުންނާއި އަންހެނުން ގޮފީގެ ރައީސުން ވެސް އެ ޖަލްސާގައި އިންތިހާބުކުރާނެ އެވެ. މި މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަމަވާނެއެވެ.

ރިޔާޒު ވިދާޅުވީ ޕާޓީގެ 6 ނާއިބް ރައީސުންގެ ތެރެއިން އިންޓަރިމް އެގްޒެކެޓިވް ކައުންސިލްގަ ހިމެނޭ ޕާޓީގެ ނާއިބު ރައީސް (މެދު ދެކުނު) ގެ މަޤާމަށް ވާދަ ކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.

އެމްއެންޕީގެ ވަގުތީ އިންޓެރިމް އެގްޒެކެޓިވް ކައުންސިލަށް އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ މަޤާމުތަކަކީ:

  •  ރައީސް
  •  6 ނާއިބު ރައީސުން (އޭގެ 1 މަޤާމަކީ އަންހެން މެންބަރަކަށް ޚާއްޞަ މަޤާމު)
  •  އަންހެނުންގެ ވިންގގެ ލީޑަރު
  •  ޒުވާނުންގެ ވިންގގެ ލީޑަރު
  •  އިތުރު 21 ކައުންސިލް މެންބަރުން (އޭގެ ތެރެއިން 7 މަޤާމަކީ އަންހެނުންނަށް ޚާއްޞަ މަޤާމު)

އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުން ކަމަށްވާ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ އިތުރުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްއެވެ. އެމްއެންޕީން ވަނީ މިއަހަރުގެ ނިޔަލަށް ޕާޓީ އަށް 10،000 މެންބަރުން ހަމަކުރަން އަމާޒެއްް ކަނޑައަޅާފަ އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި އެމްއެންޕީން ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްއެންޕީގެ އިންތިޚާބު ހުކުރު ދުވަހު ބޭއްވުމަށް އެޕާޓީން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.