ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިންޓަރނޭޝަނަލް ސްކޫލެއް އެޅުމަށް އެޗްޑީސީން ބަޔަކާއި ހަވާލުކޮށްފިއެވެ.
އެޗްޑީސީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސް ކޮށްފައެވެ. އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އެވެ. އަދި އައިލެންޑާޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކިއުޓިވް ޑިރެކްޓަރު އަހްމަދު އަދުލީ ރަޝީދުއެވެ.
އައިލެންޑަރސް އެޑިއުކޭޝަނުން ހިންގަމުން އަންނަ ސްކޫލްތަކުގެ ތެރޭގައި ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ސްކޫލާ، ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް މޯލްޑިވްސް އަދި އަމީރް އަޙުމަދު ހިމެނެއެވެ. އަދި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް އަންނަނީ ތަޢުލީމު ދެމުންނެވެ.
An agreement was signed between HDC & @islanders_edu for the development of a private/international school in Hulhumalé Phase 2. The agreement was signed by our Managing Director, Mr. Suhail Ahmed and the Executive Director of @islanders_edu, Mr Ahmed Adhly Rasheed. pic.twitter.com/eusOBf2UGZ
— HDC (@hdcmaldives) October 2, 2021
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު މީހުން އާބާދުވާން ފަށާފަވާއިރު، އެތަނުގައި އާއްމު ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، ފުރަތަމަ ބުރުގައި 4 ސްކޫލެއް ތަރައްޤީކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކުރެއެވެ. މީގެތެރެއިން 3 ސްކޫލަކީ ކޮންޓްރެކްޓަރ ފައިނޭންސް، ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަދާ ސްކޫލްތަކެވެ. އަދި އެއް ސްކޫލަކީ އިންޓަރނޭޝަނަލް ސްކޫލެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މީގެކުރިން ހާމަކޮށްފައިވެއެވެ.
މި ހުރިހާ ސްކޫލްތަކަކީވެސް 6 ބުރީގެ ޢިމާރާތްތަކެކެވެ. މިއިން ކޮންމެ ސްކޫލެއްގައި ގްރޭޑް 1އިން 10އަށް ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައެވެ. މިއީ 1،000އާއި 1،200 އާ ދެމެދުގެ ޖާގައިގެ ސްކޫލްތަކެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން މިއަހަރުގެ ޖޫންމަހު ވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްކޫލެއް ތަރައްޤީކުރަން ރަޝީދް ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާވެސް ހަވާލުކޮށްފައެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 1އަހަރާ 6މަސް ދުވަހުގެ މުއްދަތުންނެވެ.