މިހާރު އޮތް ސަރުކާރާއިއެކު ސާބިތު ކަމާއިއެކު ދެމި އޮންނާނެކަމަށް އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
އެމްއާރުއެމްގެ ފުރަތަމަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފާރިސް ވިދާޅުވީ މިހާރު އޮތް ސަރުކާރާއިއެކު އެމްްއާރުއެމްއިން ބައިވެރިފައިވަނީ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމާއި، ޤައުމުގެ ހެވާއި ލާބަޔަށް ޓަކައި ކަމުގައިވެއެވެ. މިހާތަނަށް ސަރުކާރުން މަސައްކަތް ކޮށްފައިވަނީ ކޯލިޝަން ދަމަހައްޓައި ރައްޔިތުންގެ ހެވާއި ލާބައަށް ފައިދާހުރި މަސައްކަތް ކުރުމަށް ކަމަށް ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ ސަރުކާރުން ޤައުމުގެ ތަރައްޤީއަށް މަސައްކަތް ކުރަމުންދާއިރު ދިމާވާ ގޮންޖެހުންތަކާއިއެކު ކުރިއަށް ދިއުމަށް ހިތްވަރާއިއެކު މަސައްކަތް ކޮށްފައިވާކަމަށެވެ. ޚާއްސަކޮށް ކޯވިޑްގެ ދަތި އުދަގޫ ހާލަތުގައިވެސް ސަރުކާރުން މަސައްކަތް ކޮށްފައިވަނީ ވަރަށް ހިކުމަތްތެރިކަމާއި އެކުގައިކަމަށެވެ، ސިޔާއީ މައިދާނުގައި ކަންކަން ހިނގާ ގޮތަށް އަލި އަޅުވާލައްވައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ ސިޔާސީ މީހުންނަށް ރައްޔިތުންނަށް އިތުބާރު ގެއްލިގެންދަނީ ނަޒާހަތްތެރިކަން މަތީގައި ދެމި ނުތިބެވޭތީ ކަމަށެވެ. ނަމަވެސް ނަޒާހަތްތެރި ކަމާއިއެކު މަސައްކަތް ކުރާނަމަ ސިޔާސީ މަަސއްކަތްތަކާއި، ސިޔާސީ މީހުންނަށް ކުރެވޭ އިތުބާރު ކުޑަ ނުވާނެކަމަށް ފާރިސް ވިދާޅުވިއެވެ.
އެމްއާރުއެމްގެ މުސްތަގުބަލާއި ގުޅޭގޮތުން ފާރިސް ވިދާޅުވީ އެމްއާރުއެމްއަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް އޮތް ޕާޓީއެއް ކަމަށެ. މިއަދު އިންތިޚާބުވި މަޤާމުތަކަށް ބަލާއިރުވެސް އެމްއާރުއެމްއިން އިންތިޚާބުވި ކޮންމެ މަޤާމަކަށް ހަމަހަމަ އުސޫލުން އަންހެން ބޭފުޅުންނަށްވެސް ފުރުސަތު ލިބިދީފައިވާކަމަށެވެ.
މިއަދު ކުރިއަށް ގެންދިޔަ އެ ޕާޓީގެ ކޮންގްރެސްގައި ޖުމްލަ 12 މަގާމަކަށް މެންބަރުން އިންތިހާބުކޮށްފައިވެއެވެ. ނަމަވެސް ބައެއް މަގާމުތަކަށް ކުރިމަތިލެއްވީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ކަމަށްވާތީ ވޯޓެއް ނެތި އެ މެންބަރުން ވަނީ އިންތިހާބުވެފައެވެ. އެ ގޮތުން އެމްއާރްއެމްގެ ޒައީމު ކަމަށް އެ ޕާޓީގެ ފައުންޑާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އެމްއާރްއެމްގެ ރައީސް ކަމަށް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އިންތިހާބު ކުރީ ވޯޓެއް ނެތިއެވެ. މީގެ އިތުރުން ނާއިބު ރައީސުންގެ ދެ މަަގާމުގެ ތެރެއިން އަންހެނުންނަށް ހާއްސަ މަގާމަށް ކުރިމަތިލެއްވީ އައިމިނަތު ނާދިރާ އެކަނި ކަމުން ނާދިރާ އިންތިހާބުވީވެސް ވޯޓެއް ނެތިއެވެ. އަނެއް މަގާމަށް ދެ ބޭފުޅުން ވާދަ ކުރެއްވިއެވެ. ވާދަވެރިކަން އޮތް އެ ވޯޓްގައި ކުރި ހޯއްދެވީ ޝަޒައިލްއެވެ. އޭނާއާ ވާދަކުރެއްވީ ޝިމާޒުއެވެ.
އަންހެނުންގެ ކައުންސިލްގެ ރައީސްގެ ރައީސް ކަމަށް އިންތިހާބު ވީ އާރިފާ ރަޝީދެވެ. ޒުވާނުންގެ ކައުންސިލްގެ ރައީސް ކަމަށް އިބްރާހިް ފަރުހާދެވެ. އިތުރުން އެގްޒެކްޓިވް ކޮމެޓީގެ މެންބަރު ކަމަށް 20 ބޭފުޅުން އިންތިހާބު ކޮށްފައިވެއެވެ. އެއީ 10 ފިރިހެނުންނާއި 10 އަންހެނުންނެވެ. ޒުވާނުންގެ ކައުންސިލްގެ ނާއިބު ރައީސް ކަމަށާއި އެ ކައުންސިލަށް އިތުރު 30 މެންބަރުންވެސް އިންތިހާބުކޮށްފައިވެއެވެ. އެއީ 15 ފިރިހެނުންނާއި 15 އަންހެނުންނެވެ. އަދި އަންހެނުންގެ ކައުންސިލްގެ ނާއިބު ރައީސް ކަމަށާއި އަންހެނުންގެ ކައުންސިލަށް 20 މެންބަރުން ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އިންތިހާބު ކޮމެޓީ އާއި ސުލޫކު ކޮމެޓީ އާއި އިސްތިއުނާފު ކޮމެޓީއަށް ކޮންމެ ކޮމެޓީއަކަށް ފަސް މެންބަރުން އިންތިހާބު ކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ