ކޮންޓްރޯލް ނުވެ ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާތީވެ ފްރާންސް ގައި ދެވަނަ ލޮކްޑައުނަކަށް ދާން ނިންމުމުން ފްރެންޗް ކަޕުގެ މެޗުތައް ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ފަސްކޮށްފިއެވެ.
ފްރާންސްގެ ސަރުކާރުން ހާމަކުރި ގޮތުގައި އިއްޔެއިން ފެށިގެން ފްރާންސް ދެވަނަ ފަހަރަށް ލޮކްޑައުން ކުރާ ކަމަށެވެ. އަދި މި ލޮކްޑައުން ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހާ ހަމައަށް ދެމިއޮންނާނެ ކަމަށް ވަނީ ހާމަކޮއްފައެވެ.
ފްރާންސްގައި އެންމެ ފުރަތަަމަ ވައިރަސް ފެތުރެން ފެށުމާއެކު އަށް ހަފުތާގެ މުއްދަތަށް އެގައުމު ލޮކްޑައުން ކުރިއެވެ. އެފަހަރު ލޮކްޑައުން ކުރުމާއެކު މިދިޔަ ސީޒަނުގެ ފްރެންޗް ލީގު ކެންސަލް ކޮށް ޕީއެސްޖީގެ ޗެމްޕިއަންކަން ދިނުމަށް ފްރެންޗް ފުޓްބޯލް ފެޑެރޭޝަނުން ނިންމިއެވެ.
މިފަހަރު ފެޑެރޭޝަނުން ނިންމި ގޮތުގައި ލޮކްޑައުނުގައި ފްރެންޗް ކަޕުގެ އިތުރުން ފްރާންސުގެ ދަށް ޑިވިޝަންތަކުގެ މެޗުތައް ނުކުޅެން ނިންމާފައެވެ. އެކަމަކު މި މުއްދަތުގައި ފްރެންޗް ލީގު އާއި ދެވަނަ ޑިވިޝަނާއި، އަންހެނުންގެ ފުރަތަމަ ޑިވިޝަނުގެ އިތުރުން ބައިނަލްއަގުވާމީ މެޗުތައް ކުރިއަށްދާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އެކަމަކު މެޗުތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ.
ފްރެންޗް ލީގަކީ މިދިޔަ ސީޒަނުގައި ކޯވިޑް-19 އާ ގުޅިގެން ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން ކެންސަލް ކުރި ހަމައެކަނި ލީގެވެ.
ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާތީވެ އިޓަލީއާއި ޖަރުމަނުން މިހާރުވަނީ ސަޕޯޓަރުން ދަނޑަށް ވެއްދުން ހުއްޓާލާފައެވެ.