ޖެޓްސްކީގައި ރާއްޖެވަށާ ބުރެއްޖެހުމަށް ކުރާ ދަތުރަށް މުޢިއްޒު މަރުހަބާ ދަންނަވައިފި

ޖެޓްސްކީގައި ރާއްޖެވަށާ ބުރެއްޖެހުމަށް ކުރާ ދަތުރަށް މުޢިއްޒު މަރުހަބާ ދަންނަވައިފި

Author
މުޙައްމަދު ޝަޒައިމް
24 ސެޕްޓެމްބަރ 2021 09:10
0

ޖެޓް ސްކީގައި ރާއްޖެ ވަށާ ބުރެއްޖެހުމަށް ފެށި ދަތުރުގެ ބައިވެރިނަށް މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު، މާލޭ ސިޓީން މަރުޙަބާ ދަންނަވައިފިއެވެ.

މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ދަތުރުގެ ބައިވެރިނަށް މަރުޙަބާ ދެންނެވީ މިއަދު ހަވީރު 5:40 ގައި ދަތުރުގެ ބައިވެރިން މާލޭ ސިޓީގެ މާލެ އަދި ރާއްޖޭގެ ވެރިރަށަށް ބަނދަރުކުރުމުން މާލޭގެ ރަސްމީ ފާލަމުންނެވެ.

މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިންނަށް މަރުހަބާ ދެންނެވުމަށްފަހު، ދަތުރު ޗާޓްގެ ފިލާގައި މާލޭ ސިޓީގެ ފަރާތުން ސޮއިކުރައްވައި ސިޓީ ކައުންސިލްގެ ތައްގަނޑު ޖެއްސެވިއެވެ. އަދި މާލެއަށް ޒިޔާރަތްކުރިކަމުގެ ރަމްޒެއްގެ ގޮތުން މާލޭ ގެ ވެލި ތޯލާފުޅިއަކަށް އަޅުއްވައި ހަދިޔާކުރެއްވިއެވެ. މޭޔަރ ވިދާޅުވީ މި މުހިއްމު ދަތުރު ކާމިޔާބުކަމާއެކު ނިންމޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

މޯލްޑިވްސް ވޯޓަރ ސްޕޯޓްސް ގެ ފަރާތުން އިންތިޒާމްކޮށްގެން، ޖެޓް ސްކީގައި ރާއްޖެ ވަށާ ދަތުރުކުރުމަށް ހިންގާ ” މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021 – ނޯތު ސައުތު” ޕްރޮގްރާމަކީ މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިންގެ ދުވަސް ފާހަގަކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ބައިވެރިން ދަތުރަށް ފެށީ މި ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހު ހއ. ތުރާކުނުންނެވެ. ޕްރޮގްރާމްގައި ކޮންމެ އަތޮޅަކުން އެއްރަށަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ދުނިޔޭގެ ޓުވަރިޒަމް ދުވަހަކީ ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހެވެ.

މިދަތުރުގައި 6 ދުއްވުންތެރިއަކު ބައިވެރިވެއެވެ. މިދަތުރު ނިންމާނީ 27 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.