އައްޑޫ ސިޓީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ފިޝް ހަބުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށާއި، އެކަމަށް ކަނޑައަޅާފައިވާ ސަރަހައްދު ބައްލަވާލެއްވުމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ މިއަދު އައްޑޫއަށް ވަޑައިގެންފިއެވެ.
މި މަޝްރޫއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަގުސަދުގައި މިފްކޯ އާއި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްސީ) އާ ދެމެދު ވެފައިވާ ފަހުމުނާމާއެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި އެއްބަސްވުމުގެ ދަށުން، ސީއެމްސީގެ މައިގަނޑު އެއް މަރުކަޒުގެ ގޮތުގައި އައްޑޫ ކަނޑައަޅައި، އެ ސިޓީގައި ފެންވަރު ރަނގަޅު ފިޝް ހަބެއް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.
ޗައިނާގެ ސަފީރާއި ސީއެމްސީގެ ވަފުދުން މިއަދު ވަނީ އައްޑޫ ވިޔަފާރި ބަނދަރަށް ޒިޔާރަތްކުރައްވައި، ފިޝް ހަބް ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދު ބައްލަވާލައްވާފައެވެ. މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ޗީފް ސްޓްރެޓެޖީ އޮފިސަރު މުހައްމަދު އަމީޒު ވިދާޅުވީ، އައްޑޫ ޕޯޓަކީ ގުދުރަތީ ފްރީޒޯނެއްގެ ގޮތުގައި ބޭނުންކުރެވޭނެ ތަނެއް ކަމަށާއި، މަސްވެރިންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށްޓަކައި ޕޯޓު ތެރޭގައި ފިޝް ހަބެއް ގާއިމުކުރުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން ބޮންޑަޑް ފެސިލިޓީއަކާއި، ވެއާހައުސްގެ އިތުރުން ކޯލްޑް ސްޓޯރޭޖެއްވެސް ހެދުމަށް ވަނީ ޕްލޭންކުރެވިފައެވެ.
ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި ގޮންޖެހުންތަކަށް ރިއާޔަތްކުރާއިރު، ތެޔޮ ރައްކާކުރުމުގެ ގާބިލުކަން ހުރި އައްޑޫ ޕޯޓަކީ ދެކުނުގައި މިފަދަ މަޝްރޫއެއް ހިންގުމަށް ސްޓްރެޓެޖިކް ގޮތުން އެންމެ މުހިންމު ސަރަހައްދުކަން އަމީޒު ފާހަގަކުރެއްވިއެވެ. ފިޝް ހަބްތަކާއި ކޯލްޑް ސްޓޯރޭޖްތައް ހެދުމުގެ ފުޅާ ތަޖުރިބާހުރި ކުންފުންޏެއް ކަމަށްވާ ސީއެމްސީއާއި ޗައިނާ ސަފީރު ވަނީ އައްޑޫގައި މި އިންވެސްޓްމަންޓް ކުރުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކުރައްވާފައެވެ.
ޗައިނާ ސަފީރުގެ މި ޒިޔާރަތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާނާއި، އެ ކުންފުނީގެ އިސް މުވައްޒަފުންގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އަޒާންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ