ތިމާވެށީގެ މައްސަލަތަކުގައި 3 ޤައުމެއްގެ ރައީސުންނާއި، ރައީސް ބައްދަލު ކުރައްވައިފިއެވެ.
އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ޙަވާސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޯޕަރޭޓިވް ރިޕަބްލިކް އޮފް ގަޔާނާގެ ރައީސް، ހިޒް އެކްސެލެންސީ ޑޮކްޓަރ މުޙައްމަދު އިރްފާން ޢަލީއާ އެކު ބޭއްވުނު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގަޔާނާގެ ސަރުކާރުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރައީސްކަމަށް ދިވެހިރާއްޖެއަށް ވޯޓު ދެއްވީތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ފަތުރުވެރިކަން ހުއްޓުމަކަށް އައުމާ ގުޅިގެން ކުރިމަތިވި އިޤްތިޞާދީ އަދި އިޖްތިމާޢީ ގެއްލުންތަކަށް އަލިއަޅުއްވައިލެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިދިޔަ ޖުލައި މަހު އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ފަތުރުވެރިކަން ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާއާއި ގަޔާނާގެ ރައީސް ވަނީ، ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
ކާބޯ ވަރޑޭގެ ރައީސް ހިޒް އެކްސެލެންސީ ޖޯޖް ކާރލޮސް ފޮންސެކާ އާއިއެކު ރައީސް ޞާލިހު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖެއިން އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ކާމިޔާބު ކޮށްފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެ، އެއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި އަދި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)ގައި ހިމެނޭ، ރާއްޖެފަދަ ކުދި ޖަޒީރާ އެހެން ޤައުމުތަކަށްވެސް ލިބުނު ހިތްވަރެއްކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ކާބޯ ވަރޑޭގެ ރައީސްގެ މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ކޯވިޑް-19ގެ ޙާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެ ޤައުމަކީވެސް ފަތުވެރިކަމަށް ބަރޯސާވެފައިވާ ދެ ޤައުމު ކަމުގައިވާތީ، ކޯވިޑް-19ގެ ސަބަބުން ސިނާއަތަށް ލިބުނު ގެއްލުންތަކާ ބޭހޭގޮތުންވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އެ ގޮތުން ދެ ބޭފުޅުންވެސް ވަނީ މި ދެ ޤައުމުގެވެސް ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ގެއްލުންތައް ފޫބެދެމުންދާކަމަށާއި، އަދި ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތްވެސް ފާއިތުވި މަސްތަކުގައި ވަރަށް ބޮޑަށް އިތުރުވާން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއާއި ކާބޯ ވަރޑޭއަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ދެ ޤައުމުކަމުން ދެ ޤައުމުންވެސް ދާދި އެއްކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، ދެ ޤައުމަށް ފައިދާކުރަނިވި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި ކަމާބެހޭ ޢިލްމީ މަޢުލޫމާތު ޙިއްޞާކުރުމުގެ ބޭނުންތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ކާބޯ ވަރޑޭގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ސިޑްސްގެ ތެރޭގައި ހިމެނޭ "ސައުތު- ސައުތު ކޯޕަރޭޝަން" ގެ ޤައުމުތަކުގެ ގުޅުން ފާހަގަކުރައްވައި ކުދި ޤައުމުތަކަށް ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމުގައި ހުރިހާ ޤައުމަކުންވެސް އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ދަރަނި ލުއިކޮށްދިނުމާއި ތަރައްޤީގެ މަސައްކަތްތަކަށް ފައިސާ ހޯދުމާއި އީ-ކޮމަރސްފަދަ ދާއިރާތަކަކީ 'އެއޯސިސް' ފަދަ ޖަމާޢަތްތައް މެދުވެރިކޮށް ބައިނަލްއަޤްވާމީ ޕްލެޓްފޯމުތަކަށް ގެންދިއުން މުހިންމު ދާއިރާތައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރިޕަބްލިކް އޮފް ޕަލާއޫގެ ރައީސް ހިޒް އެކްސެލެންސީ ސުރަންގެލް އެސް. ވިޕްސް ޖޫނިއަރ އާއިއކު ބޭއްވުނު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕަލާއޫގެ ކޮވިޑް-19ގެ ޙާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައި، ޕަލާއޫގެ ސަރުކާރުން އެޤައުމުގެ ކޮވިޑް-19 ޙާލަތު ކޮންޓްރޯލްކުރުމުގައި ގެންގުޅުއްވި ސިޔާސަތުތަކަށް ތަޢުރީފުކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމުން ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި، ވީހާވެސް އަހަވަކަށް ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ޖަހައި ނިންމުމަށް ބޭނުންފުޅުވާކަމުގައި ހާމަކުރައްވާފައެވެ.
ޕަލާއޫގެ ރައީސް ވަނީ ޕަލާއޫގެ ބޯޑަރުތައް ބަންދުކުރުމާއެކު އެޤައުމުން ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައިވާކަމުގައި ވިދާޅުވެ، މިހާތަނަށް އެޤައުމުން ކޮވިޑްގެ ސަބަބުން މީހަކު މަރުވެފައި، ނުވަތަ ވައިރަސްގެ ސަބަބުން ހޮސްޕިޓަލްގައި އެނދުމަތިކޮށްފައި ނުވާކަމުގައި ވިދާޅުވެފައެވެ. އެހެންނަމަވެސް ރާއްޖެއިން އަލުން ބޯޑަރު ހުޅުވާލައި އަލުން ފަތުރުވެރިކަން ފަށައިގަތުމުން ޕަލާއޫ ފިލާވަޅު ލިބިގަންނަން ޖެހޭކަމުގައި އެ ޤައުމުގެ ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ޕަލާއޫގެ ރައީސް ވަނީ، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރުމަށްޓަކައި ބޭނުންވާ ފަންނީ ލަފާ ދެ ޤައުމުގެ ދެމެދުގައި ހިއްސާކުރުމަށާއި، އެދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. ދެބޭފުޅުންވެސް ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް ބޭނުންފުޅުވާކަން ހާމަކުރައްވަމުންނެވެ.
ރާއްޖެއާއި ޕަލާއޫއާ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 17 އޮކްޓޯބަރ 2014 ގައެވެ.