22،000އަށް ވުރެ ގިނަ ދަރިވަރުން ވެކްސިން ފުރިހަމަކޮށްފި

22،000އަށް ވުރެ ގިނަ ދަރިވަރުން ވެކްސިން ފުރިހަމަކޮށްފި

Author
މުޙައްމަދު ޖިމީ
20 ސެޕްޓެމްބަރ 2021 04:22
0

ކޯވިޑުން ދިފާއުވުމަށް ހިންގާ ވެކްސިން ޕްރޮގްރާމްގެ ދަށުން، 22 ހާހަށްވުރެ ގިނަ ސްކޫލް ދަރިވަރުން ވެކްސިން ފުރިހަމަކޮށްފިއެވެ.

ސްކޫލް ކުދިންނަށް ވެކްސިން ދިނުމަށް މިދިޔަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު ފެށި ޕްރޮގްރާމްގައި ވެކްސިން ދެމުން އަންނަނީ  ޢުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށެވެ. މި ކުދިންނަށް ވެކްސިން ޕްރޮގްރާމް ފެށިތާ މަހެއްވެފައިވާއިރު 22093 ކުދިން ވަނީ ވެކްސިންގެ ދެޑޯޒާއެކު ވެކްސިން ފުރިހަމަކޮށްފައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުންބުނީ މީގެތެރޭގައި ހިމެނެނީ ރާއްޖޭގައި ހިންގަމުން އަންނަ ސަރުކާރު ސްކޫލްތަކާއި އަމިއްލަ ސްކޫލްތަކުގެ ތެރެއިން 141 ސްކޫލްގެ ދަރިވަރުންނެވެ. އެމިނިސްޓްރީން ހާމަކުރައްވާފައިވާ ތަފާސް ހިސާބަށްބަލާއިރު ވެކްސިންގެ ފުރަތަމަ ޑޯޒް 35989 ދަރިވަރުން ވަނީ ފުރިހަމަކޮށްފައެވެ. މިއީ 218 ސްކޫލަކަށް ނިސްބަތްވާ ކުދިންކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. ރާއްޖޭގެ ސްކޫލްތަކުގައި ވެކްސިން ޖަހަން ޝަރުތު ހަމަވާ އުމުރުގެ 36000 އަށްވުރެ ގިނަ ކުދިން ތިބިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ކުދިންނަށް ދެމުން އަންނަނީ ޢުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ދިނުމަށް ޑަބްލިއުއެޗްއޯއިން ހުއްދަދީފައިވާ ފައިޒާ ވެކްސިނެވެ. ސްކޫލް ދަރިވަރުންނަށް ވެކްސިން ދިނުމަށްޓަކާ ރާއްޖެއަށް ވަނީ ކޯވެކްސް ފެސިލިޓީގެ ދަށުން އެމެރިކާގެ އެހީތެރިމާއެކު 128600 ޑޯޒްގެ ފައިޒާ ވެކްސިން ލިބިފައެވެ.

 

އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން މިހާރު ސްކޫލުތަކުގައި އުޅޭ ދަރިވަރުން އަދި މިދިޔަ ދިރާސީ އަހަރު 10 ނިންމި ކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ސްކޫލްތައް މެދުވެރިކޮށެވެ. ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ވެކްސިން ދެމުންގެންދާނީ އެކުއްޖަކު ކިޔެވި ސްކޫލަކުންކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

ވެކްސިން ދިނުމަށްޓަކާ ބެލެނިވެރިންގެ އިއުތިރާޒެއް ނެތްކަމަށާއި ކުދިންގެ ސިއްޙީ އެއްވެސް މައްސަލައެއް ހުންނަތޯ ދެނެގަތުމަށް ޚާއްސަ ފޯމެއް ފުރައެވެ. އެގޮތުން ބަލީގެ އެއްވެސް ޢަލާމާތެއް ހުރި ކުއްޖެއްނަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ވަކި މުއްދަތަކަށްފަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.