މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ފަސްކޮށްފިއެވެ.
މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދޮގު ބަޔާން ދިނުމުގެ މައްސަލާގެ އަޑުއެހުންތައް މިއަދު ކްރިމިނަލް ކޯޓުގައި ފެށުމަށް ތައާވަލުކޮށްފައި އޮތުމަށްފަހު ކެންސަލް ކުރީ ރައީސް ޔާމީންގެ އިސްތިއުނާފްގެ އަޑުއެހުން ދިގުލައިގެން ދިއުމުގެ ސަބަބުންނެވެ. އެއީ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ޑރ.މުޢިއްޒުގެ ވަކީލުންވެސް ހިމެނިވަޑައިގަންނަވާތީއެވެ.
ނޫމަޑި މައްސަލާގައި މުޢިއްޒުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، 25 ޖޫން 2019 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންޝަން އޭޖީ ނަމަކަށް ކިޔާ ކުންފުނި (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށް ވެފައިވަނީ ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒުކަމަށެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ،، ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ.ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާތީ، މުޢިއްޒުގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
ނޫމަޑީގެ މައްސަލާގައި މުއިއްޒުވަނީ ފުލުހުގެ އިދާރައަށްވެސް ހާޒިރުކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށްވެސް ހާޒިރުކޮށް އެކަމާއި ގުޅޭގޮތުން ސުވާލުކޮށްފައިވެއެވެ.
ނޫމަޑިއާއެކު އެއްބަސްވެފައިވަނީ އެކި ރަށްތަކުގައި 1100 ހައުސިން ޔުނިޓް އެޅުމަށެވެ. މި އެއްބަސްވުން އެއްވެސް ސަބަބެއްނެތި ކުރީގެ ސަރުކާރުން އުވާލުމާއި ގުޅިގެން އެއްބަސްވުން ބާޠިލްކުރި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް 2017ވަނަ އަހަރުވަނީ ހުށަހަޅާފައެވެ. ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ހުށަހެޅީ 2.3 ބިލިއަން ރުފިޔާ އާއި އާބިޓްރޭޝަނާގުޅޭ އެހެން ޚަރަދުތައް ހޯދުމަށެވެ.
އެކި ރަށްތަކުގައި 1100 ހައުސިން ޔުނިޓް އެޅުމަށް ނޫމަޑިއާއެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާޠިލްކުރި މައްސަލާގައި ބަދަލުގެ ގޮތުގައި އެކުންފުންޏަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑިއަށް ދީފައެވެ.