މާލޭ ރަސްފަންނު މޫދަށް އެލިފައިވާ ތެޔޮތަށް ވަރަށް ބޮޑަށް ސާފުކުރެވިއްޖެކަމަށާއި، ނަމަވެސް އެތަން މޫދަށް އެރުމަށް ހުޅުވާލެވޭނެ ދުވަހެއް އަދި ނޭނގޭކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޗަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
ރަސްފަންނު މޫދަށް ކަޅު ތެޔޮ ލީކުވުމާއި ގުޅިގެން އެސަރަހައްދު ބޭނުންކުރުން މަނާކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އީޕީއޭއިން ބުނީ މިހާރު މޫދުން ތެޔޮ ސާފުކުރެވިއްޖެކަމަށެވެ. ނަމަވެސް އަދިވެސް ތެލުގެ އަސަރު ހުރެދާނެތީ މޫދަށް އެރުން ހުއްދަ ދީފައިނުވާކަމަށް އީޕީއޭއިން ބުންޏެވެ.
ރަސްފަންނު މޫދަށް ތެޔޮ އެޅުނީ ރަސްފަންނުގެ ނެރުމައްޗަށް ލައްވި ކަޅުތެޔޮ ފީފާއަކުން ކަމަށް ސިޓީ ކައުންސިލުން ކުރިން ބުނެފައިވެއެވެ. ރަސްފަންނު ބަންދުކޮށް ސިފައިން މިހާރު އަންނަނީ އެބްޒޯބެންޓް ޝީޓް ބޭނުންކޮށްގެން ތެޔޮތައް ނަގައި ސާފުކުރުމުގެ މަސައްކަތްކޯށްފައިވެއެވެ. ސިފައިން ބުނީ ރަސްފަންނު މޫދުގައި ގިނަ އަދަދަކަށް ތެޔޮ ޖަމާވެފައި އެބަހުރި ކަމަށާއި އެކަމުގެ ރިޕޯޓް އިރުއޮއްސި 6:30 ގައި ލިބުމާ އެކު ތަން ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ރަސްފަންނަކީ ވަރަށް ގިނަ ބަޔަކު ބޭނުންކުރާ ތަނަކަށްވުމުން، ވީހާވެސް އަވަހަށް ހުޅުވާލުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް އީޕީއޭއިން ބުންޏެވެ.