އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓާސް ލިސްޓުގައި އެހެން ޕާޓީތަކުގެ މެމްބަރުންގެ ނަން އޮތް މައްސަލަ ބޮޑުވެއްޖެއެވެ.
މިމައްސަލަ ފެންމަތިވެ، މިކަން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ ސަމާލުކަމަށް ގެނައުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ހަސަން ޓެގު ކުރައްވައި ކުރެއްވި ޓްވީޓުގައި ވަނީީ އެމްޑީޕީގެ އިންތިޚާބުގައި އެހެން ޕާޓީތަކުގެ މެމްބަރުންނަށް ވޯޓު ލެވޭތޯ ސުވާލު ކުރައްވާފައެވެ. އޭނާ ވިދާޅުވީ އެހެން ޕާޓީތަކުގެ މެމްބަރުންނަށް ވޯޓު ލެވޭނަމަ މިއީ ވަރަށް ޖޯކު ކަމެއްކަމަށެވެ. ރޮޒޭނާ ނިސްބަތްވާ މީދޫ ދާއިރާގެ އިދިކޮޅު ޕީޕީއެމްގެ ކައުންސިލަރުގެ ނަން ވޯޓާސް ލިސްޓުގައި އޮތްކަމަށް ރޮޒޭނާ ވަނީ ފާހަގަކޮށްފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި އެހެން ޕާޓީތަކުގެ ރަޖިސްޓްރީގައި ތިބޭ މީހުންނަށް ވޯޓް ލެވެނީ ކީއްވެތޯ؟ އައްޑޫ މީދޫގެ ޕީޕީއެމް ކައުންސިލަރުވެސް އެބައޮތް އެމްޑީޕީގެ ވޯޓާސްލިސްޓުގައި. މިއީ ބޮޑު ޖޯކެއްނު! މިކަން މިހެން ބަލައެއް ނުގަނެވޭނެ.
– ރޮޒޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ބާއްވާއިރު، ވޯޓާސް ލިސްޓުގެ ގިނަ ޝަކުވާތަކެއް ދަނީ ހުށަހެޅެމުންނެވެ. އެޕާޓީން އެންމެ ފަހުން ބޭއްވި ޕްރެސްގައި ހަސަން ވިދާޅުވީ، ވޯޓާސް ލިސްޓަށް ހުށަހެޅޭ ޝަކުވާތައް ބެލުމަށްފަހު ވޯޓު ލެވޭނީ އެމްޑީޕީގެ އިންތިޚާބުތަކުގައި ވޯޓުލުމަށް ޝަރުތު ހަމަވާ މެމްބަރުންނަށް ކަމަށެވެ.
މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 733 ކެނޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރެއިން 165 ކެނޑިޑޭޓަކު ވަނީ ވޯޓުގެ ކުރިން ހޮވިފައެވެ.
އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެޕާޓީގެ ދަފްތަރުގައި 93،354 މެމްބަރުން އެބަތިއްބެވެ. މިފަހަރުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޝަރުތު ހަމަވަނީ 93،165 މީހުންނެވެ. މިލިސްޓަށް ޝަކުވާއަށް ހުޅުވާލުމުން ހުށަހެޅުނު ޝަކުވާއަށް ބަލައި 940 މީހަކަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި މިލިސްޓުން 918 މީހަކަށް އިންތިޚާބުގައި ވޯޓު ނުލެވޭނެކަމަށް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ