މަހުލޫފްކުރި މަސައްކަތުގެ ނަތީޖާ ކެމްޕެއިނުން، ފަސޭހައިން ކާމިޔާބުކުރުމާއި ދިމާލަށް!

މަހުލޫފްކުރި މަސައްކަތުގެ ނަތީޖާ ކެމްޕެއިނުން، ފަސޭހައިން ކާމިޔާބުކުރުމާއި ދިމާލަށް!

Author
މުޙައްމަދު ޝަޒައިމް
18 ސެޕްޓެމްބަރ 2021 02:40
0

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި، ދަތި ގޮތަކަށް ކުރިމަތިލުމުގެ ފިރުސަތު ލިބުނު ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް ވާދަކުރާ ދާއިރާގެ ރައްޔިތުންގެ ތާއީދު އޮތްކަން ދަނީ ފެންނަމުންނެވެ.

ޚިޔާނާތުގެ މައްސަލައެއް އޮތްކަމަށްބުނެ، މިނިސްޓަރ މަހުލޫފަށް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް ނިންމައި، އެމްޑީޕީން މަހުލޫފަށް އެންގި ނަމަވެސް، ހައްގު ހޯދަން ކެނޑިނޭޅި ކުރެއްވި މަސައްކަތުން އިންތިޚާބަށް އެންމެ 17 ދުވަހަށް ވެފައިވަނިކޮށް ކުރިމަތިލެވޭނެކަން އެންގުމުން، މަހުލޫފް ވަނީ ވަރުގަދަ ކެމްޕެއިނެއް ފަށާފައެވެ.

ކެމްޕެއިންގައި މަހުލޫފް ރަސްދޫއަށް ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ސިޔާސީ ގޮތުން އެންމެ ބޮޑު ޕްރެޝަރަކާއިއެކު ހުންނެވި މަހުލޫފްގެ އަމާޒަކީ އިންތިޚާބު ބޮޑު ތަނުން ކާމިޔާބު ކުރުމެވެ. ހިތްވަރު ބަލިކޮށް، ފޫހިކޮށްލުމަށް ކުރެވިދިޔަ މަސައްކަތްތަކަށް ފަސް އެބުރި ބެލުމެއްނެތި މަހުލޫފް ހުންނެވީ ވަރަށް ސާބިތުކަމާއިއެކު އިންތިޚާބު ކާމިޔާބު ކުރުމަށެވެ. މިސަރުކާރުގެ ކެބިނެޓްގައި ތިއްބެވި ވަޒީރުންގެ ތެރެއިން މިހާތަނަށް އެންމެ ރަނގަޅަށް ނަތީޖާ ނެރެދެއްވި މަހުލޫފް މިވަގުތުވެސް ހުންނެވީ ވަޒީރުކަމުގައެވެ. ނަމަވެސް ގޮތްނޭގޭ ސަސްޕެންޝަނެއްގައެވެ.

ސަސްޕެންޝަނުގައި ހުންނެވި ނަމަވެސް ކުޅިވަރުގެ އެކި މަސައްކަތްތަކުގައި އަމަލީގޮތުން އޭނާ ދަނީ ބައިވެރި ވަމުންނެވެ. ފަރުދީ ގޮތުން ކުރެވެން އޮތް ކަމެއްކޮށްދެއްވައި، އެކަމެއްގައި ވެދެވެން އޮތް އެހީއެއްވެސް ދެއްވަމުންނެވެ. ވަޒީރުކަމުގައި އޮފީހަށް ނިކުންނަވައިގެން ކުރެއްވި މަސައްކަތުން ނެރެދީފައިވާ ނަތީޖާ ރައްޔިތުން ބަލައި ގަންނަކަން ކެމްޕެއިންގައި ރަށްރަށަށް ކުރައްވާ ދަތުރުތަކުން ދަނީ ފެންނަމުންނެވެ. ކޮންމެ ރަށަކަށް ވަދައިގަތުމުންވެސް މަހުލޫފަށް ހޫނު މަރުހަބާއެއް ދަނީ ކިޔަމުންނެވެ. އަދި އޭނާއަށް އޮތް ތާއީދު ދަނީ ހާމަކޮށްދެއްވަމުންނެވެ.

މޮނިޓަރިންގައި އޮތް ރަށްތަކަށްވެސް މަހުލޫފް ދަނީ ވަޑައިގެން މެމްބަރުންނާއި ބައްދަލު ކުރަމުން،

ވަޒީރަކަށް ހުންނެވި ނަމަވެސް މަހުލޫފަކީ ޒުވާނުންނާއި، އަދި ކުދި ބޮޑު އެންމެންނާއި ގުޅޭ އެކުވެރި ބޭފުޅެވެ. މަހުލޫފްގެ ކެމްޕެއިންގައި އޭނާ ވާދަކުރާ ދާއިރާގެ ރަށްރަށް ވަކިވަކިން ދަތުރުކޮށް، އެމްޑީޕީގެ މެމްބަރުންނާއި، އަދި ކައުންސިލްތަކާއިވެސް ދަނީ ބައްދަލު ކުރަމުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލިސް ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި މަހުލޫފް ކުރިމަތި ލައްވާފައިވަނީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ.

ގުރައިދޫގެ ކައުންސިލާއި ބައްދަލު ކުރުން

މަހުލޫފްއަކީ މިސަރުކާރު ވެރިކަމަށް ގެނައުމަށް އެންމެބޮޑަށް މަސައްކަތް ކުރެއްވި އެމްޑީޕީގެ އެއް މެމްބަރެވެ. ޖަލުގައި އެތައް މަހަކު ދުވަސްތައް ހޭދަކުރެއްވުމަށްފަހު މަހުލޫފް ޖަލުން ދޫކޮށްލުމުން ދެއްވި ހިތްވަރުގަދަ މެސެޖްތަކަކީ އޭރުގެ ސަރުކާރާއި ދެކޮޅަށް ގިނަބަޔަކަށް ނިކުތުމަށް ލިބުނު ހިތްވަރަކަށް ވަނީ ވެގެން ގޮސްފައެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބަކީ އެމްޑީޕީ ތެރެއިން އޭނާއަށް ދެކޮޅަށް މަސައްކަތް ކުރި މީހުންނަށް ވަރަށް ރަނގަޅު މެސެޖެއް ލިބިގެންދާނެ ދުވަހެއްކަމަށް މަހުލޫފްގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ވަނީ ބުނެފައެވެ. އޭނާ ބުނީ މަހުލޫފް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި، އެކަން މި އިންތިޚާބުގެ ނަތީޖާއިން ފެނިގެންދާނެކަމަށް ވަރަށް ބޮޑަށް އުންމީދު ކުރާކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.