އައްމަޓީ އެދުނީ ދެދަރިން ޖާމިނުކޮށް ގޭބަންދަށް ދޫކުރުމަށް، ކޯޓުން އޭނާ ދޫނުކުރި

އައްމަޓީ އެދުނީ ދެދަރިން ޖާމިނުކޮށް ގޭބަންދަށް ދޫކުރުމަށް، ކޯޓުން އޭނާ ދޫނުކުރި

Author
މުޙައްމަދު ޝަޒައިމް
16 ސެޕްޓެމްބަރ 2021 01:00
0

ދެދަރިން ޖާމިނު ކުރުމަށްފަހު ގޭބަންދަށް ބަދަލުކޮށް ދިނުމަށް މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އަންމަޓީ) އެދިއްޖެއެވެ.

ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އަންމަޓީ ދެވަނަ ފަހަރަށް ކޯޓަށް ހުށަހެޅީ އޭނާގެ ބަންދުގެ މުއްދަތު މުރާޖައާ ކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ. ހައުސިންގ ޑިވަލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ 13 މާރިޗު 2014 ގައި ހަވާލުކޮށްފައިވެއެވެ.

ކޯޓުގައި އަންމަޓީ ބުނީ އޭނާ އަކީ ފިލައިގެން އުޅޭ މީހެއް ނޫން ކަމަށެވެ. އެހެންކަމުން ކޯޓަށް ނުވަތަ ދައުލަތުގެ އިދާރާއަކަށް ކޮންމެ ދުވަހަކު ހާޒިރުވުމަށް ޝަރުތުކޮށްފައި ނަމަވެސް އޭނާ ބަންދުން ދޫކޮށްދިނުމަށެވެ. އޭނާގެ ދެ ދަރިން ޖާމިނުކޮށްފައި އެކަން ކޮށްދިނުމަށްވެސް އެދިފައިވެއެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަހްމަދު ސައީދު ވިދާޅުވީ އަންމަޓީގެ މައްޗަށް ކުރެވެނީ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކަމަށްވާތީ އަންމަޓީ ދޫކޮށްލުމުން މުޖުތަމައުގެ މަސްލަހަތު ގެއްލުމާއި އެކު ކުށް ކުރުމަށް ބަޔަކަށް ހިތްވަރު ލިބިގެން ހިނގައިދާނެ ކަމަށެވެ. އެއަށްފަހު ގާޒީ ނިންމެވީ އަންމަޓީ ޖަލު ބަންދުގައި ބެހެއްޓުމަށެވެ. އެކަމަކު ކޮންމެ 30 ދުވަހަކު ބަންދުގެ މުއްދަތު މުރާޖައާ ކުރަންޖެހޭތީވެ ހާލަތަށް ބެލުމަށްފަހު އަންމަޓީގެ ހުށަހެޅުމާ މެދު ގޮތެއް ނިންމަން ޖެހޭ ނަމަ އެކަމަށް ރިއާޔަތް ކުރައްވާނެ ކަމުގައިވެސް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

އައްމަޓީ ގިނަ ދުވަސްތަކެއް ވަންދެން އުޅުނީ ތަހުގީގީ އިދާރާތަަކަށް ފިލައިގެން ރާއްޖެއިން ބޭރުގައެވެ. އޭނާ ހޯދަން 2019 ވަނަ އަހަރު އިންޓަޕޮލް ރެޑް ނޯޓިސް ވެސް ނެރުނެވެ. ލަންކާގެ ފުލުހުން މި އަހަރުގެ ފެބްރުއަރީ މަހު އޭނާ ހައްޔަރުކުރުމުން ޖެހިގެން އައި މާޗް މަހު ދިވެހި ފުލުހުން ވަނީ އެ ގައުމަށް ގޮސް އައްމަޓީ ރާއްޖެ ގެނެސްފަ އެވެ. އޭނާ ކޯޓުގައި ބުނެފައި ވަނީ ފިލައިގެން ނޫޅޭ ކަމަށާއި ލަންކާގައި އުޅުނީ އެ ގައުމުގެ މީހަކާ އިނދެގެން ކަމަށެވެ.

ގާޒީ ނިންމެވީ މި ހާލަތުގައި އަންމަޓީ ބަންދުން ދޫނުކުރުމަށެވެ. ނަމަވެސް، 30 ދުވަސް ފަހުން އަނެއްކާވެސް ބަންދު ރިވިއު ކުރާއިރު ހާލަތު ބަދަލުވެފައިވާނަމަ އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. މިއަދުގެ އަޑުއެހުމުގައި ބަންދު މުރާޖާ ކުރަން ނިންމި ނަމަވެސް ދެން އޮތް ބަންދު މުރާޖާ ކުރުމުގެ އަޑުއެހުމެއްގައި ކަފާލާތުގެ ދަށުން ދެ ދަރިން ޖާމިނުކޮށް ގޭ ބަންދަށް ދޫކުރުމަށް އެދެވޭނެކަން ގާޒީ ފާހަގަކުރެއްވިއެވެ.

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މީ އެނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ. އަޙްމަދު މުސާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.