ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ރަޝިޔާގެ ޒެނިތުގެ މައްޗަށް ކުރި ހޯދާ ޖަރަމަނުގެ ޑޯޓްމަންޑްއިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޑޯޓްމަންޑް ކުރި ހޯދީ 2-0 ލަނޑުންނެވެ.
ގުރޫޕްގެ ފުރަތަމަ މެޗުން ލާޒިޔޯ އަތުން ބަލިވެފަވާ ޑޯޓްމަންޑުން މިމެޗުން މޮޅެއް ހޯދުނީ މެޗުގެ ފަހު ފަނަރަ މިނިޓުގެ ތެރޭގައި ކާމިޔާބުކުރި ދެލަނޑުންނެވެ. ފުރަތަމަ ލަނޑު ލިބުނު ޕެނެލްޓީން ޖޯޑަން ސަންޗޯ ކާމިޔާބުކުރި އިރު ފަހު ލަނޑު މެޗުގެ އިތުރުވަގުތު ތެރޭގައި ކާމިޔާބުކުރީ އާލިން ހާލަންޑްއެވެ. މިއީ ހާލަންޑް އެންމެފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން އޭނާ ކާމިޔާބުކުރި 12 ވަނަ ލަނޑެވެ. މި ގުރޫޕްގައި ބުރޫޖް އާއި ލާޒިޔޯ ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.
މޮޅާއެކު ޑޯޓްމަންޑްއިން ގުރޫޕްގެ ތިންވަނަ އަށް ކުރިޔަށްޖެހުނު އިރު އެއްވަނައިގަ ލާޒިޔޯ އޮތީ ހަތަރު ޕޮއިންޓާއެކުގައެވެ. ދެވަނައިގަ ބުރޫޖް އޮތްއިރު ގުރޫޕްގައި ފުލުގައިވާ ޒެނިތަކަށް އަދި ޕޮއިންޓެއް ނުލިބެއެވެ..