ބެއާ ގްރިލްސްގެ މަޝްހޫރު ޝޯވް "އިން ޓު ދަ ވައިލްޑް" ގެ އެޕިސޯޑެއްގައި ބައިވެރިވުމަށް ބޮލީވުޑްގެ ސުޕަސްޓަރ އަޖޭ ދޭވްގަން ރާއްޖެ އަތުވެއްޖެއެވެ.
"އިން ޓު ދަ ވައިލްޑް" ޝޯވްއިން މީގެ ކުރިންވެސް ބޮލީވުޑްގެ ތަރިން ކަމުގައިވާ ސައުތުގެ މެގަސްޓަރ ރަޖްނީ ކާންތާއި، އަކްޝޭ ކުމާރުގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެއްދުރަ މޯދީ ވެސް ވަނީ ބައިވެރިވެފައެވެ.
އަޖޭ އާއި އެކު ރާއްޖޭގައި ޝޫޓިންގ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެޕިސޯޑަށް މިހާރު އަޖޭ މުމްބާއީއިން ރާއްޖެއަށް އައިސްފައި ވާކަމަށް ޕިންކް ވިލާއިން ބުނެއެވެ. އެގޮތުން ޕިންކް ވިލާއިން ވަނީ އަޖޭ މަތިންދާ ބޯޓުގައި ހުއްޓައި ނަގާފައިވާ ފޮޓޯއެއް ހިއްސާ ކޮށްފައެވެ.
މި ޝޯވް ގައި، ހޯސްޓާއި އެކު ޝޯވް ގައި ބައިވެރިވާ ގެސްޓް ބިރުވެރި ގަސްބޯ ޖަންގަލީގައި ސަލާމަތް ވުމަށް ބޭނުން ކުރާ އުކުޅުތަކާއި ސަލާމަތް ވާނެ ގޮތް ދައްކުވައިދެއެވެ.
ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި މި ޝޯވްގެ ޝޫޓިން ކުރިއަށް ގެންދާނެކަމަށް ބެލެވޭ ކަމަށާއި ބޮޑަށް ބެލެވޭ ގޮތުގައި އަޖޭގެ މި އެޕިސޯޑް ޝޫޓިން މޫދުގައި ކުރިއަށް ގެންދާނެކަމަށް ލަފާ ކުރެވޭ ކަމަށް ޕިންކް ވިލާއިން ބުނެއެވެ.
"އިން ޓު ދަ ވައިލްޑް" އަކީ ޑިސްކަވަރީ ނެޓްވޯކުން ގެނެސްދޭ ބެލުން ތެރިންގެ މެދުގައި ވަރަށް މަގުބޫލު އެޑްވެންޗަރ ޝޯވް އެކެވެ. އަދި ހަމަ އެހެންމެ ޝޯވްގެ މެހެމާނުންނަކީ ބެލުންތެރިން އެންމެ ބޮޑު މަގުބޫލު އެއްބައިވެސް މެއެވެ.
އަޖޭ މީގެ ކުރިން ވެސް ވަނީ ޗުއްޓީތަކުގައި ރާއްޖެ އައިސްފައެވެ. އާއިލާ އާއިއެކު އޭނާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. ނަމަވެސް މިފަދަ ޝޫޓިންގ އަކަށް އޭނާ ރާއްޖެއައި މިއީ ފުރަތަމަ ފަހަރެވެ.
އަޖޭ މިހާރު ދަނީ ވަރަށް ބިޒީ ޝެޑިއުލެއްގައި މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ "ބުޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އިންނެވެ. ކުރިއަށްވެސް އޭނާގެ ގިނަ ޕްރޮޖެކްޓް ތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި "އާރްއާރްއާރް' ގެ އިތުރުން އޭނާގެ އަލަތު ވެބް ސީރީޒްގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.