ޗެމްޕިއަންސް ލީގުގައި ރަޝިޔާގެ ކްރަސްނޯޑާ އަތުން މޮޅުވެ ޗެލްސީން މި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ފުރަތަމަ ތިންޕޮއިންޓް ހޯދައިފިއެވެ. ރަޝިޔާގައި ކުޅުނު މި މެޗު ޗެލްސީ ކާމިޔާބުކުރީ 4-0 ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ލީޑުނަގަން ޖޯގީނޯ އަށް ލިބުނު ފުރުސަތު އޭނާ ވަނީ ނަގާލާފައެވެ. މެޗުގެ 14 ވަނަ މިނިޓުގައި ލިބުނު ޕެނެލްޓީ އޭނާ އަށް ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. މެޗުގެ ފުރަތަމަހާފް ނިމުމުގެ ކުރިން ޗެލްސީއަށް ލީޑް ނަގައިދީފަވަނީ ހުޑްސަން އޮޑީއެވެ.
ދެވަނަހާފްގައި ލިބުނު ޕެނެލްޓީން ޓިމޯވާނާ ޗެލްސީއަށް ލީޑް ފުޅާކުރިއިރު ޗެލްސީގެ ފަހު ދަލެނޑު ކާމިޔާބުކުރީ ހަކީމް ޒިއެޗް އަދި ކްރިސްޓަން ޕުލްސިޗްއެވެ. މިއީ ފުރަތަމަފަހަރަށް ޗެލްސީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ޒިއެޗް ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ ޗެލްސީއަށް އޭނާ ކާމިޔާބުކޮއްދިން ފުރަތަމަލަނޑެވެ.
މި ގުރޫޕްގައި ސެވިއްޔާއިން ވަނީ ރެއްނާއިސްގެ މައްޗަށް 1-0 ލަނޑުން ކުރިހޯދާފައެވެ. އެންމެ ފަހުން މިމުބާރާތުގައި ރަށުންބޭރުގައި ގުރޫޕް ސްޓޭޖުގައި ކުޅުނު 8 މެޗުންވެސް ޗެލްސީ ބަލިވެފައެއް ނުވެއެވެ.
މިނަތީޖާ އެކު ދެމެޗުން ހޯދި ހަތަރު ޕޮއިންޓާ އެކު ޗެލްސީއަށް ގުރޫޕްގެ ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ހަތަރު ޕޮއިންޓާއެކު ސެވިއްޔާ ދެވަނައިގަ އޮތްއިރު ތިންވަނައގަވާ ކެރެސްނޯޑާ އާއި ފުލުގައިވާ ރެންނާއިސް ލިބުނީ އެންމެޕޮއިންޓެކެވެ.