ޗެމްޕިއަންސްލީގުގައި ޕީއެސްޖީއިން ތުރުކީގެ ބެސިކްޝާރް އަތުން މުހިންމު މޮޅެއް ހޯދައިފައެވެ. ރަށުން ބޭރުގައި ކުޅުނު މެޗު ޕީއެސްޖީ ކުރި ހޯދީ 2-0 ލަނޑުންނެވެ.
މެޗުގައި ދެވަނަ ހާފްގައި ލަނޑުތައް ފެނިގެން ދިޔައިރު ޕީއެސްޖީއަށް މެޗުގައި ކުރިމަތިވި އެންމެބޮޑު ނުތަނަވަސްކަމަކީ މެޗުގެ ވަރަށް ކުރީކޮޅު ޓީމުގެ ނޭމާ އަނިޔާވެގެން ބަދަލުކުރަން ޖެހެމުންނެވެ. މިމެޗުގައި ދެލަނޑުވެސް ޕީއެސްޖީއަށް ކާމިޔާބުކޮއްދިނީ އިޓަލީގެ ޒުވާން ފޯވާޑް މޮއިސް ކީންއެވެ.
އޭނާގެ ފުރަތަމަ ލަނޑު 64 ވަނަ މިނުޓުގައި ފެނުނުއިރު ދެވަނަ ލަނޑު ފެނިގެންދިޔައީ 79 ވަނަ މިނިޓުގައިއެވެ. މި ދެލަނޑު ކާމިޔާބުކުރަން ވެސް ކައިލަން އެމްބާޕޭ ވަނީ އެހީތެރިވެދީފައެވެ. މިއީ ހުސްވި ޓްރާންފާ މާކެޓުގައި އެވަޓަންއިން ޕީއެސްޖީއަށް ބަދަލުވި ކުޅުންތެރިޔާ ޕީއެސްޖީއަށް އެންމެފަހުން ކުޅުނު ދެމެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.
މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ހޯދި ފުރަތަމަ މޮޅާއެކު އެޓީމު އޮތީ ގުރޫޕްގެ ދެވަނައިގައެވެ.