ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ފަހުން ކުޅުނު ފުރަތަމަ މެޗުން ޔުވެންޓަސް ބަލިވެއްޖެއެވެ.
ނަޕޯލީ އަތުން ރޭ ޔުވެންޓަސް ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ޔުވެންޓަސްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އަދި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލަނޑު ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ.
މެޗުގެ ފުރަތަމަ ހާފު 0-1 އިން ނިންމާލި ނަޕޯލީން ދެވަނަ ހާފަށް ނުކުމެ ކުޅުން ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ޔުވެންޓަސްގެ ގޯލަށް ނުރައްކާ ކުރަން ފެށި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 57 ވަނަ މިނިޓުގައި މަޓޭއޯ ޕޮލިޓާނޯ ނަޕޯލީއަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ. އަދި މެޗުން ނާޕޮލީ މޮޅުކޮށްދިން ލަނޑު، މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ކަލިދޫ ކުލިބާލީއެވެ.
މި ނަތީޖާއާއެކު މި ސީޒަނުގައި މިހާތަނަށް ޔުވެންޓަސް ކުޅުނު އެއްވެސް މެޗަކުން މޮޅު ވެފައެއް ނުވެއެވެ. ޔުވެންޓަސް އޮތީ ލީގު ތާވަލުގެ 14 ވަނަ މަގާމުގަ އެވެ. ލީގުގައި ތިން މެޗު ކުޅެގެން އެޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މި މެޗުން މޮޅުވެގެން ހޯދި ތިން ޕޮއިންޓާއެކު ނަޕޯލީ މިހާރު ވަނީ ސެރިއާ ތާވަލުގެ އެއްވަނަ މަގާމަށް ކުރިޔަށް ޖެހިލާފައެވެ.