ބޮލީވުޑުގެ ފިލްމު "ހިންދީ މީޑިއަމް" އިން ފެނިގެން ގޮސްފައިވާ ޕާކިސްތާކުގެ އެކްޓަރެސް ސަބާ ގަމަރް ހައްޔަރުކުރުމަށް މިދިޔަ ބުދަ ދުވަހު ޕާކިސްތާނުގެ ކޯޓަކުން ނެރުނު ކޯޓުއަމުރު ކެންސަލްކޮށްފިއެވެ.
ސަބާއާ ދެކޮޅަށް ކޮށްފައިވާ ދައުވާއަކީ ލާހޯރުގެ ގަދީމީ މިސްކިތެއްގައި ނަށާ ވީޑިއޯއެއް ނަގާފައިވާތީ އަޅުކަންކުރާ ތަނެއްގެ ހުރުމަތް ކެނޑިކަމުގެ ދައުވާއެވެ.
ލާހޯރުގެ ކޯޓުން އެކްޓަރެސް ސަބާ އާއި ލަވަކިއުންތެރިޔާ ބިލާލް ސައީދު ހައްޔަރު ކުރުމަށް އެރެސްޓް ވޮރެންޓް ނެރެފައިވަނީ ކޯޓުގެ އަޑުއެހުންތަކަށް މި ދެތަރިން ހާޒިރުވެފައި ނުވާތީއެވެ. މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ 6 އޮކްޓޯބަރުގައެވެ. މިއަޑުއެހުމަށް ފުލުހުންގެ ބެލުމުގެ ދަށުގައި ދެތަރިން ހާޒިރުކުރުމަށް ކޯޓުންވަނީ އަމުރުނެރެފައެވެ.
ނަމަވެސް ހުކުރު ދުވަހު ކޯޓުން މި އަމުރު ކެންސަލްކޮށްފައި ވަނީ ދެން އޮންނަ އަޑުއެހުމަކަށް ހާޒިރުވާނެކަމުގެ ގެރެންޓީއެއްގެ ގޮތުގައި ކޮންމެ މީހަކު 30،000 ރުޕީސް ދެއްކުމުންނެވެ.
ލާހޯރުގެ ގަދީމީ މިސްކިތެއްކަމުގައިވާ މަސްޖިދު ވަޒީރް ޚާން ގައި ނަށާ ވީޑިއޯކުރިކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ފައިލްކުރެވިފައިވާ މި މައްސަލައާ ގުޅިގެން އޭރުވަނީ އެދެތަރިން މެރުމަށްވެސް ސޯޝަލް މީޑިއާގައި އާއްމުން އަޑު އުފުލާފައެވެ. މައްސަލަ ހޫނުވުމާއެކު މި ދެތަރިން ވަނި އާއްމުންގެ ކިބައިން މާއާފަށްވެސް އެދިފައެވެ.
ކޮމެންޓު ފޮނުވާ